Last Updated: May 9, 06:03
Thursday, May 9, 2024
ޚަބަރު

ހިތަދޫ ފަޅު ބޭރުން ސަރަހައްދެއް ހިމާޔަތް ކުރަނީ

ހިތަދޫގައި އާންމު ބަނދަރާއި ދިމާލުން އޮންނަ 'ފަސްގަނޑު'ގެ އުތުރުން އަދި މާހެރެ އިރުން ސަރަހައްދެއް ހިމާޔަތް ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ކައުންސިލު ބައްދަލުވުމުގައެވެ. މި މައްސަލަ ހުށަހަޅަމުން އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މި ސަރަހައްދަކީ ޑައިވް ކުރުމަށް ބޭނުން ކުރާ ސަރަހައްދަކަށް ވުމާއިއެކު، މި ސަރަހަދުން މަސްވެރިކަން މަނާކޮށް ހިމާޔަތް ކުރަން ބޭނުންވާ ކަމަށެވެ.

އެގޮތުން ހިމާޔަތް ކުރަން ކަނޑައަޅާ ސަރަހައްދަކީ ހިތަދޫ ފަޅުތެރެއިން އޮންނަ މާހެރެގެ އިރުން އަދި ހިތަދޫ އާންމު ބަނދަރު ކުރިމަތިން އޮތް ފަސްގަނޑުގެ އުރުން 100 މީޓަރުގެ ރޭޑިއަސްއެއްގައި ފަޅުން ބޭރު ސަރަހައްދެކެވެ.

މި ސަރަހައްދަކީ މިހާރުވެސް އައްޑޫއަށް އަންނަ ފަތުރުވެރިން ޑައިވް ކުރާ ޑައިވް ޕޮއިންޓެކެވެ. އެހެން ކަމުން މި ސަރަހައްދު ކައުންސިލުން ހިމާޔަތް ކުރުމުން މި ސަރަހައްދުން މަސްވެރިކަން ކުރުން ފަދަ ކަންކަން މަނާވާނެއެވެ.

މިމައްސަލަ ކައުންސިލުގެ އަޤުލަބީއްޔަތުން ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިންވެސް އައްޑޫސިޓީ ކައުންސިލުގެ 3 ވަނަ ދައުރުގައިވެސް ބައެއް ސަރަހައްދުތައް ހިމާޔަތް ކުރުމަށް ނިންމާފައިވެއެވެ. އަދި އެފަހުން ތިމާވެށީގެ ޤާނޫނުން އެތަންތަން ހިމާޔަތް ކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހިމެނިގެންވެސް ގޮސްފައިވެއެވެ.