ސިނަމާތަކުގައި ބެލުންތެރިންގެ ފަރާތުން ތަރުހީބަކާއި ތައުރީފު އޮހެމުން އަންނަ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން އަނެއްކާ ވެސް އާ ލަވައެއް މިއަދު ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
ޔޫޓިއުބަށް ދޫކޮށްލި މި ލަވަ އަކީ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ކައިވެނީ ތައްޔާރީތަކާއި ކުލަބޮކިތަކުން ދިއްލައި ހުޅުދާންކޮށްފައިވާ އެ މީހުންގެ ކައިވެނީގެ ހަފުލާގެ ޖަޒުބާތީ މަންޒަރުތަކެއް ފެނިގެންދާ "ކުޅްމާއީ" އެވެ. ޕްރިތަމް މިއުޒިކް ހަދާފައިވާ މި އަސަރު ގަދަ ގަދަ ލަވަ ކިޔާފައި ވަނީ ޝާހިދު މަލިއާ އެވެ.
މި ލަވަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ހިމަނާފައި ވަނީ ފިލްމުގެ އެންޑް ކްރެޑިޓް ގެނެސްދޭ ލަވައިގެ ގޮތުގަ އެވެ. މިއީ ކައިވެނީގެ ހަފުލާތަކާ ވަރަށް ގުޅޭ ގޮތަށް ގެނެސްދީފައި އޮތް ލަވައަކަށްވާތީ ކައިވެނި ސީޒަންތަކުގައި ލަވަ ވަރަށް ބޮޑަށް ޓްރެންޑްވާނެ ކަމަށް ބެލެވެ އެވެ.
ކަރަން ބުނީ "ކުޅްމާއީ" ޝޫޓްކޮށްފައި ވަނީ މިދިޔަ އަހަރު އެޕްރީލް މަހުގެ 14 ގައި އާލިއާ އާއި ރަންބީރް ކަޕޫރް ކައިވެނިކުރުމުގެ ހަތަރު ދުވަސް ކުރިން ކަމަށެވެ. އެ ދެ މީހުންގެ އަހަރެއްވާން ކައިރިވެފައިވާ އަންހެން ދަރިއަކު ވެސް އޮތް، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވިހާފައި އާލިއާ ފިލްމުގެ ނުނިމި އޮތް ލަވައެއް ޝޫޓް ވެސް ކުރި އެވެ. އެއީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިން ފެށި އިރު، އޭނަ ހުރި ބައްޓަމަށް އަލުން ރުޖޫއަވުމަށް ފަހު އެވެ.
އެ ލަވަ އަކީ ފިލްމުން އެންމެ ފުރަތަމަ އާންމުކުރި އަދި މި އަހަރުގެ ފެބްރުއަރީގައި ކަޝްމީރުގައި ޝޫޓްކުރި "ތުމް ކިޔާ މިލޭ" އެވެ. ފިލްމުން ޔޫޓިއުބަށް ދޫކޮށްލި ލަވަތަކުގެ ތެރޭގައި "ވަޓް "ޖުމްކާ؟"، "ދިންޑޯރާ ބާޖޭ ރޭ"، "ވޭކަމްލިޔާ" އަދި "ހާޓް ތުރޮބް" ހިމެނެ އެވެ.