އެސްޓީއޯގެ ސްމާޓް ސްޓޯރ ހުޅުވިތާ ހަފްތައެއްވީއިރު 1937 މީހުން މިހާތަނަށް ފިހާރައަށް ޒިޔާރަތް ކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯރ އަކީ ކޭޝިއަރަކު ނުހުންނަ، ރާއްޖޭގެ އެބާވާތުގެ ފުރަތަމަ ސްމާޓް ފިހާރައެވެ. މި ފިހާރައިން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން އަޅައިގެން، އޭގެ ފަހުން ފިހާރައިން ބޭނުން އެއްޗެއް ގެންދަންވީއެވެ. ކަސްޓަމަރު ނިކުންނައިރު ހިފައިގެންދާ އެއްޗެއްގެ އަގު ކަސްޓަމަރުގެ ލިންކް ކޮށްފައިވާ ބޭންކް އެކައުންޓުން ކެނޑެއެވެ.
މި ފިހާރައަށް ވަދެވޭނީ ހާއްސަ އެޕްލިކޭޝަނެއް ޑައުންލޯޑުކޮށްގެންނެވެ. އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރު ރެޖިސްޓަރ ކުރެވި، އަދި ބޭންކް އެކައުންޓު ލިންކް ކުރެވެއެވެ. އަދި އެޕްލިކޭޝަންގެ ކިއު އާރް ކޯޑުން ފިހާރައިގެ ދޮރު ހުޅުވެއެވެ. މި ފިހާރައިން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފިހާރަ ހުޅުވިތާ ހަފްތާއެއްވީއިރު އެކުންފުނިން ވަނީ ބައެއް ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
7 days since #STOSmartStore's grand opening – True convenience is time saving. #grabandgo#smartinsights: Customers spend an average of 317 seconds in-store, seamless 3-second transaction speed. 2700 app downloads, 1937 store visitors. Commendable 24% became repeated customers. pic.twitter.com/XzrP8rW7rM
— STO (@stoplc) August 3, 2023
އެސްޓީއޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 2700 އަށް ވުރެ ގިނަ މީހުން މި އެޕްލިކޭޝަން ވަނީ ޑައުންލޯޑު ކޮށްފައެވެ. އަދި އޭގެ ތެރެއިން 1937 ފަރާތެއް ފިހާރައަށް ޒިޔާރަތްކޮށްފައި ވެއެވެ. މީގެ ތެރެއިންވެސް 27 އިންސައްތަ އަކީ ރިޕީޓް ކަސްޓަމަރުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އެވްރެޖްކޮށް ކަސްޓަމަރެއް ފިހާރައިގައި 317 ސިކުންތު ނުވަތަ ގާތްގަނޑަކަށް 5 މިނެޓު ހޭދަ ކުރެއެވެ.
ފިހާރައިން ނަގާ ތަކެއްޗަށް ކެނޑޭ އަގާއި އަދި ބިލް އެޕްލިކޭޝަން މެދުވެރިކޮށް ބެލެއެވެ. އަދި ނުނަގާ އައިޓަމަކަށް ލާރި ކެނޑުމުން ނުވަތަ ބިލްގައި މައްސަލައެއް ފާހަގަވާނަމަ އެޕްލިކޭޝަން މެދުވެރިކޮށް އެޕީލް ކުރެވެއެވެ. އެފަދަ މައްސަލައެއް އަންނަތާ 24 ގަޑިއިރުތެރޭ މައްސަލައަށް ޖަވާބުދީ ހައްލުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން މިހާތަނަށް މިފަދަ 22 މައްސަލަ ހުށަހެޅިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
ރާއްޖޭގެ ފުރަތަމަ ސްމާޓް ފިހާރަ އެސްޓީއޯއިން ހުޅުވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ފިހާރަ ބަރީގައެވެ. ފިހާރަ ހުޅުވިތާ 7 ދުވަސް ވެގެން ދިޔައިރު މިއީ މި ސަރަހައްދުގައިވެސް ހުޅުވުނު މި ބާވަތުގެ ފުރަތަމަ ފިހާރަ ކަމަށް އެސްޓީއޯއިން ބުނެއެވެ.