Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މަޖިލިސް ހުއްޓި ތިބެން ޖެހެނީ ސިޓީތަކަށް ބަލަހައްޓައިގެން

ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަޖިލީސް ހިސޯރުކޮށް ހުއްޓުވާފައިވާތީ، ރައްޔިތުންނަށް ދޭ ޖެހޭ ޚިދުމަތެއް ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވަމުން ގެންދަވާ މެންބަރު ރޮޒެއިނާ މިހެން ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރުންގެ ދައުރު ހަމަވެފައި ވުމާއި، އެލެކްޝަންސް ކޮމިޝަނު(އީސީ) އެއް މެންބަރުގެ ދައުރު ހަމަވެފައިވާ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން އީސީގެ މެންބަރުގެ ދައުރު މިދިޔަ ޖުލައި މަހު 24 ވަނަ ދުވަހު ހަމެވަފައިވާއިރު، ރިޔާސީ އިންތިހާބު ކުރިމަތީގައި އޮތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބްރޯޑްކޮމްގެ މެންބަރުންގެ ދައުރު ހަމަވެގެން ސިޓީ ފޮނުވަމުންދާ ކަމަށް ވިދާޅުވިއެވެ.


މިކަމުގެ ހިތް ހަމަނުޖެހުން ފާޅުކޮށް މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެންބަރުންގެ އިތުބާރު ނެތް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީސް ހިސޯރު ކޮށްގެން ތިބެ ޑިމޮކްރެސީގެ ނަމުގައި ފިތުނަ ފަތުރަނީ ކަމަށެވެ. އަދި މަޖިލީހުން ދޭން ޖެހޭ ޚިދުމަތްތައް ނުދެވި މެންބަރުން ތިބެން ޖެހެނީ ތަންތަނުން ފޮނުވާ ސިޓީތަކަށް ބަލަހައްޓައިގެން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމިޓީއާއި އަދި އެހެނިހެން ކޮމެޓީތަކުގެ މަސައްކަތްވެސް މަޖިލީސް ޗުއްޓީއަށް ދިޔައިރު ވަނީ ހުއްޓިފައެވެ. މިދިޔަ ޖޫން މަހު މަޖިލީސް ޗުއްޓީއަށް ގޮސްފައިވާއިރު މަޖިލީހުގެ މެންބަރުންގެ ނިސްބަތްވެވަޑައިގަންނަވާ ޕާޓީތައް ވަނީ ބަދަލުވެފައެވެ. އެހެން ކަމުން އަލުން ދައިމީ ކޮމެޓީތައް އެކުލަވާލަން ޖެހެއެވެ. ނަމަވެސް އެ މަަސައްކަތް ނުނިމި މަޖިލީސް ޗުއްޓީއަށް ގޮސްފައިވާއިރު އަލުން މަޖިލީސް ފެށޭނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މަޖިލީހަށް ވަނީ ވައްދާފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.