Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ކޮންމެ ކެންޑިޑޭޓަކަށް ޚަރަދު ކުރެވޭނީ 564 މިލިއަން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން / ފޮޓޯ: ސަން

މިއަހަރުގެ ރިޔާސީ އިންތިޙާބަށް ވާދަ ކުރައްވާ ކޮންމެ ކެންޑިޑޭޓަކަށްވެސް އިންތިޙާބަށް ޙަރަދު ކުރެވޭނީ 564 މިލިއަން ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބު މިކަން ހާމަކޮށް އިންތިޙާބުގެ ޙަރަދުތައް ގެންގުޅުމާއި ގުޅޭ ގޮތުން ވަނީ ބައެއްކަންކަން ހިއްސާކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000ރ. (ދެހާސް) ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ކަމަށެވެ.

"ރިޔާސީ އިންތިޚާބު 2023 އަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށްވާއިރު، ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފައްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާ. " ހަބީބު ވިދާޅުވިއެވެ.


މީގެ އިތުރުން އިންތިހާބުތަކުގެ އާންމު ޤަވާއިދުގެ ދަށުން ކެމްޕެއިން ކުރުމަށް ފައިސާ ނުހޯދޭނެ ބައެއް ފަރާތްތައް ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ސިޔާސީ ޕާޓީތައް ހިންގުމަށް ދޭ ފައިސާ ފިޔަވައި ދައުލަތުގެ އެހެން އިދާރާއަކުން ދޭ ފައިސާއާއި ސަރުކާރު ކުންފުނިތަކުން ދޭ ފައިސާ ހިމެނެއެވެ. އަދި ބިދޭސީ އެއްވެސް މީހެއް، ޖަމާޢަތެއް އަދި ޤައުމަކުންވެސް ފައިސާ ޤަބޫލު ނުކުރެވޭއިރު، ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތްތަކުން ދޭ އެހީ އަދި ފައިސާވެސް ބަލައި ނުގަނެވޭނެ ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފައެވެ.

ފައިސާގެ އެހީ ބަލައިގަންނައިރު، ވަކި ފަރުދަކަށް އެންމެ ގިނަވެގެން އެހީ ދެވޭނެ އަދަދުތައްވެސް އިންތިހާބުތަކާއި ބެހޭ އާންމު ޤަވާއިދަށް ރިއާޔަތްކޮށް ހަބީބު ވަނީ ހާމަކޮށްފައެވެ. އެގޮތުން ވަކި ފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2,823,950 (ދެމިލިއަން އަށްލައްކަ ތޭވީސްހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ޤާނޫނީ ޝަހުސަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ އެންމެ މަތީ އަދަދަކީ 11,295,800 (އެގާރަ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާއެވެ.


އިންތިހާބަށް ކުރެވޭ ހުރިހާ ޚަރަދަކާއި އަދި އިންތިހާބަށް ލިބޭ ހުރިހާ މާލީ އަދި އެނޫންވެސް އެހީއެއް ރެކޯޑުކޮށް ޤަވާއިދުގެ ދަށުން ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ކޮންމެ ރިޔާސީ ކެނޑިޑޭޓެއްގެ އިންތިޙާބީ އޭޖެންޓުގެ މައްޗަށް ލާޒިމްކޮށްފައެވެ. މީގެ އިތުރުން އިންތިހާބަށް ވަކި ހާއްސަ ބޭންކް އެކައުންޓެއް ކެންޑިޑޭޓުން ބޭނުން ކުރަން ޖެހެއެވެ.