Last Updated: July 15, 17:55
Wednesday, July 15, 2026
ޚަބަރު

މޫދު ކުޅިވަރަށް ހާއްސަ އިސްކަމެއް ދޭންޖެހޭ

ދިވެހިންނަކީ ކަނޑުގެ ދަރިންގެ ގޮތުގައި ސިފަކުރެވޭއިރު މޫދު ކުޅިވަރަށް ޚާއްޞަ އިސްކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވީ މިއަދު ހަވީރު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއަރ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޒްނާ ވިދާޅުވީ ދިވެހި ރާޅާއެޅުންތެރިންނަކީ ތިމާވެށްޓަށް ލޯބިކުރާ އަދި ޚާއްޞަކޮށް އަލަށް އަރަމުން އަންނަ ރާޅާ އެޅުންތެރިންނަށް އަޅާލާ ބައެއް ކަމަށާއި މުބާރާތް ކުރިޔަށްދާއިރު ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމުގެ ގޮތުން އެސަރަހައްދު ސާފުކޮށްބޭއްވުމާއި މުބާރާތް ހިނގަމުންދާއިރު އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުން މުހިއްމު ކަމަށެވެ.

ރާޅާއެޅުން ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ކުރިއަރަމުން އަންނައިރު މޫދު ކުޅިވަރު ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ފުރުޞަތާއި ވަޞީލަތްތައް ރާއްޖޭގައި ހަމަޖެހިފައި ހުރުމުގެ މުހިއްމުކަން ފަޒްނާ ފާހަގަކުރެއްވި އެވެ.

މި މަހުގެ 3 އިން 12އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދާ މި މުބާރާތުގެ ސީނިއަރ އަދި ޖޫނިއަރ ކެޓަގަރީގައި ރާއްޖޭގެ 14 ބައިވެރިއަކު ބައިވެރިވާއިރު މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 16 ޤައުމަކުން 86 އެތުލީޓުން ބައިވެރިވެފައިވެ އެވެ. އަދި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެ އެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.