ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން ޒަމަލެކްއާ 1-1 އިން އެއްވަރުކޮށް އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ކުއާޓާފައިނަލަށް އަލް ނަސްރު ދަތުރުކޮށްފި އެވެ.
އަލް ނަސްރު މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާ އެކު ކުއާޓާ އަށް ދިޔައީ އަލް ޝަބާބް އެވެ.
ކިންގް ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޒަމަލެކް އިންނެވެ. މެޗުގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސައީދެވެ.
މި ގޯލާއެކު ޒަމަލެކް މުބާރާތުގެ ކުއާޓާ އަށް ދިޔުމާ ގާތަށް ޖެހިލި ނަމަވެސް މެޗުގެ 87 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް ނަތީޖާ އެއްވަރުކޮށްދީ މުބާރާތުގެ ކުއާޓާ އިން އެޓީމަށް ޖާގަ ހޯދައިދީފަ އެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބު ކުރީ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
ކުއާޓާފައިނަލްގައި އަލް ނަސްރު ބައްދަލުކުރާނީ ރާޖާ ކްލަބް އެތްލެޓިކާ އެވެ.