Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު؟

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ހުސައިން އަމްރު ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް އަރައިފި އެވެ.

އެނގިފައިވާ ގޮތުގައި މިކަމާ ގުޅޭ ގޮތުން ޕާޓީގެ ތެރޭގައި މިހާރު އަންނަނީ މަޝްވަރާ ވެސް ކުރެވެމުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ޑިމޮރެކްޓްސް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަނެއްކޮޅުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އީވާ އަބްދުﷲ ރަނިންޓަކަށް ހަމަޖައްސަން އޭނަގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ.

އެހެންވެ ވަރަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ އިލްޔާސްގެ ރަނިންމޭޓް އިއުލާންކުރާނެ އިރަކަށެވެ.

ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަމަޖައްސަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އިލްޔާސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގައި ވެސް އަމްރު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އޭނަ މިދިޔަ ހަފުތާގައި މީޑިއާއަކަށް ވިދާޅުވެފައި ވަނީ ވެރިކަމަށް ވަޑައިގަންނަވަން ޝައުގުވެރިވާ ކަމަށާއި އެކަމަކު ޑިމޮކްރެޓްސްގެ ޕްރައިމަރީ އަށް ވާދަނުކުރެއްވީ އިންތިހާބު ވަރަށް ގާތްވެފައި އޮތުމުން، ވާދަވެރި ބޮޑު ރިޔާސީ ޕްރައިމަރީއަކަށް ގޮސް ކެމްޕޭނަށް ގިނަ ވަގުތު ދާ ގޮތަށް ކަންކަން ހިނގައިދާނެތީ ކަމަށެވެ. ނަމަވެސް އަޑުއަރާފައިވާ ގޮތުން އަމްރު ޕްރައިމަރީ އަށް ވާދަނުކުރެއްވީ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއްގެ ނުފޫޒާ ހެދި އެވެ. އަދި މިކަމާ ހެދި ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތަކެއް އޮތް ކަމަށް އެނގިފައިވެ އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސަށް ލިބިވަޑައިގަތީ އޭނަ އެކަނި ޕްރައިމަރީ އަށް ނަން ހުށަހެޅުމުންނެވެ. އިލްޔާސްގެ ކެމްޕޭންގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.