Last Updated: May 8, 11:37
Wednesday, May 8, 2024
ޚަބަރު

ރުއް އާލާކުރަން 3،000 އަށް ވުރެ ގިނަ ރުއް އިންދައިފި

ރާއްޖޭގެ ރަށްރަށުގައި ރުއް އާލާކުރަން އެގްރިކަލްޗަ މިނިސްޓްރީން ފަށާފައި އޮތް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ ރުއް އިންދައިފި އެވެެ.

އެ މިނިސްޓްރީން ބުނި ގޮތުގައި "ރުކުގެ އާ ޖީލެއް" ގެ ތެރެއިން މިހާތަނަށް ޖުމްލަ 3،955 ރުއް އިންދާފައިވެ އެވެ. އެއީ 26 ރަށެއްގަ އެވެ. ރުއް އާލާކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީން ފެށީ ރާއްޖޭގައި މިހާރު ރުކުގެ އާބާދީ ދުވަސްވުމާއި ރުއްތަކަށް ތަފާތު ބަލިތައް ޖެހުމާއި ދިވެހި ރުއް އާލާވުން މަދުވެ، ކާށި ވެސް ލިބުން ފަދަ މައްސަލަތައް ކުރިމަތިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

އެގޮތުން "ރުކުގެ އާ ޖީލެއް" ޕްރޮގްރާމަށް ރާއްޖޭން ބޭރުން ވެސް ރުއް ގެނެސްގެން އިންދާފައިވެ އެވެ. އެގޮތުން އިންޑިއާ އިން ގެނައި ރުއްތަކެއް ދާދި ފަހުން ވެސް ބައެއް ރަށްރަށުގައި އިންދާފައިވާ އިރު، ސްރީ ލަންކާ އިން ވެސް ރުއްތަކެއް ގެންނަން ދާދި ފަހުން އެ ގައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފައިވެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރުއް އިންދަން ބޭނުންވާ ރަށްރަށުން އެކަމަށް ރިކްއެސްޓްކުރުމުން ރުއް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރުއް އާލާކުރުމުގެ ޕްރޮފްރާމްތައް ހިންގަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެ ސިޓީގެ ކައުންސިލުން 2021 ގައި ވަނީ 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.