Last Updated: May 2, 21:43
Thursday, May 2, 2024
މީހުން

އުމުރުން މިހާރު 93، ދުވެގެން ރެކޯޑެއް

އުމުރުން 92 އަހަރުގައި މެރަތަންއެއް ފުރިހަމަކޮށްގެން ހަވާއީގެ އަންހެނަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

މިހާރު އުމުރުން 93 އަހަރުގެ މެތިއާ އެލަންސުމިތު ކިޔާ މާމަ ރެކޯޑް ހެދީ މިދިޔަ އަހަރު ބޭއްވި "ހޮނޮލުލޫ މެރަތަން" ގަ އެވެ. އެ އަހަރުގެ ޑިސެމްބަރު މަހުގެ 11 ގައި ބޭއްވި މެރަތަންގައި މެތިއާ ވަނީ 42.1 ކިލޯމީޓަރަށް 10 ގަޑިއިރާއި 48 މިނިޓަށް ދުވައިގެން މެރަތަން ފުރިހަމަކޮށްފަ އެވެ. އެހެންވެ ދުނިޔޭގެ ރެކޯޑް ފޮތަށް އޭނަގެ ނަން މިހާރު އަރާފައި އޮތީ މެރެތަނެއް ފުރިހަމަކުރި އެންމެ ދުވަސްވީ އަންހެނާގެ ގޮތުގަ އެވެ.

މެތިއާ އަކީ ރިޓަޔާކޮށްފައިވާ ޑޮކްޓަރެކެވެ. އޭނަ ބުނި ގޮތުގައި ދުވަން ފެށުނީ އުމުރުން 46 އަހަރުގައި 1977 ގަ އެވެ. އޭނަ ބުނީ ދުވަން ފެށުނީ އެކީގައި މަސައްކަތްކުރި މީހަކު ދިން ލަފައަކާ ގުޅިގެން ކަމަށެވެ. އެގޮތުން އޭގެ ފަހުން ދުވާލަކު ދެ މޭލަށް ދުވަން ފެށި ކަމަށް ބުންޏެވެ.

"ދެން މިކަން ފަހުން ބަދަލުވީ ދިރިއުޅުމުގެ އާންމު ރޫޓަކަށް. ދުވުމަށް ޖެހުނު ލޯތްބާ އެކީ މިހާރު އަހަރެން ހަފުތާގެ ހަ ދުވަހު ގަވައިދުން ދުވަން." މެތިއާ ބުންޏެވެ.

މެރަތަންއަކުން ދުނިޔޭގެ ރެކޯޑަށް ހާސިލުވި އިރު، މެތިއާ އެންމެ ފުރަތަމަ މެރަތަންއެއްގައި ބައިވެރިވީ 1982 ގަ އެވެ. އޭނަ ބުނި ގޮތުގައި އޭގެ ފަހުން ދުވަހަކު ވެސް "ހޮނޮލުލޫ މެރަތަން" ގައި ބައިވެރި ނުވެ ދޫކޮށެއް ނުލަ އެވެ.

"އަހަރެންގެ ފެވަރިޓް މެރަތަން މިއީ. ސަބަބަކީ މީގައި ދުވަން ޓައިމް ލިމިޓެއް ކަނޑަޅާފައި ނޯންނާތީ." މެތިއާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި އުމުރުން މިހާރު އެހާ ދުވަސްވީ އިރު، ރަނގަޅު ސިއްހަތެއްގައި ހުރުމުގެ ހަގީގީ ސިއްރަކީ ދުވެގެން ހަށިގަނޑަށް ލިބޭ ކަސްރަތެވެ. އެހެންވެ މެތިއާ ދޭން އޮތް ނަސޭހަތަކީ ވެސް ކަސްރަތަކަށް ނަމަވެސް ދުވާށޭ އެވެ.