Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ދަރޭގެ އާ ފިލްމު ހެމާ އަދި ނުބަލާ

ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ ރޯލެއް ކުޅެފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި ނުބަލާ ކަމަށް އޭނަގެ އަންހެނުން ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ބުނެފި އެވެ.

މިދިޔަ މަހުގެ 28 ގައި ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިލްމުގައި ދަރޭ އާއި ބަތަލާ ޝަނާބާ އާޒްމީގެ ވަރަށް ގައިގޯޅި ލޯބީގެ މަންޒަރެއް ވެސް ހިމެނެ އެވެ. އެ މަންޒަރުގައި އުމުރުން ދުވަސްވީ ދެ ތަރިން ތުންގުޅުވަ އެވެ. މިކަންވީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބެލި މީހުންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށެވެ.

މިކަމާ ބެހޭ ގޮތުން ޒޫމް ޓީވީން ހެމާއާ ސުވާލުކުރުމުން އޭނަ ބުނީ ފިލްމު އަދި ނުބަލާ ކަމަށާއި އެކަމަކު ފިލްމު ރީތިވެގެން އެންމެން އެ ވާހަކަ ދައްކާ އަޑު ވަރަށް ބޮޑަށް އިވޭ ކަމަށެވެ. އަދި ދަރޭއާ މެދު އުފާވާ ކަމަށް ހެމާ ބުންޏެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ އާލިއާ ބަޓާއި ރަންވީރު ސިންގް އެވެ. އަދި މީގެ ވަރަށް މުހިއްމު ރޯލެއް ޖަޔާ ބައްޗަން ވެސް ކުޅެފައިވެ އެވެ. ފިލްމުގައި އޭނަ އާއި ދަރޭ އަކީ ދެމަފިރިންނެވެ. ޝަބާނާ އަކީ ފިލްމުގައި ޒުވާން ދުވަސްވަރު ދަރޭ އަށް ހާސިލު ނުކުރެވުނު، ފުރަތަމަ ލޯތްބެވެ.

ދަރޭގެ އާ ފިލްމު އަދި ނުބަލާ ކަމަށް ހެމާ ބުނެފައިވާ އިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ދެމަފިރިން މިހާރު އުޅެމުން އަންނަނީ މުޅިން ވަކިން ދެ ތަނެއްގައި ކަމަށެވެ. އަދި މިއީ ވަރަށް އުނދަގޫ ދިރިއުޅުމެއް ކަމަށާއި އެއްވެސް އަންހެނަކަށް ފިރިމީހާއާ ދުރުގައި ހުންނަން ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ހެމާ ބުންޏެވެ.

ހެމާ، ދަރޭއާ ކައިވެނިކުރި އިރު ވެސް ދަރޭ އަކީ ކުރިން ކައިވެނިކޮށް ދަރިން ތިބި މީހެކެވެ. އެއީ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އެވެ. އަދި ހެމާ އާއި ދަރޭ އަށް ދެ އަންހެން ދަރިން ލިބިފައިވެ އެވެ. އެއީ ކުރީގެ ބަތަލާ އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލް އެވެ.

މިދިޔަ ޖޫން މަހު ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ ކައިވެނީގެ ހަފުލާގައި ހެމާ އާއި އޭނަގެ ދަރިން ބައިވެރިނުވާތީ އެ އާއިލާގެ ގުޅުމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.