ބެލުންތެރިންގެ މެދުގައި މަގުބޫލުވި ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު އާރް ބަލްކީ އާ ފިލްމު "ގޫމަރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި މަހުގެ 18 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ކަނާތް ބުރިކޮށްލަން ޖެހުމާއި އެ ނުކުޅެދުންތެރިކަމާ އެކީ ވެސް ގައުމަށް ހިނިތިވުން ގެނެސްދޭން ގުރުބާންވާ އަންހެން ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.
"ގޫމަރު" ގެ މައިގަނޑު ކެރެކްޓާ ކުޅެފައި ވަނީ އާންމުންގެ މެދުގައި އެހާ މަޝްހޫރު ނޫން ބަތަލާއެއް ކަމަށްވާ ސައްޔާމީ ކޭރެވެ. ފިލްމުގެ ކާސްޓްގައި އަބީޝެކް ބައްޗަން، ޝަބާނާ އާޒްމީ އަދި އަންގަދު ބޭދީ ފަދަ ތަރިން ހިމެނެ އެވެ. "ގޫމަަރު" އަކީ 2009 ގެ "ޕާ" އަށް ފަހު، ބަލްކީއާ އެކީ އަބީޝެކް މަސައްކަތްކުރި ދެވަނަ ފިލްމެވެ.
"ގޫމަރު" ގައި ބަލްކީ "ލަކީ މެސްކޮޓް" އަމީތާބް ބައްޗަންގެ ހާއްސަ ބައިވެރިވުމެއް ވެސް ހިމެނޭނެ އެވެ.
ބަލްކީ އެންމެ ފަހުގެ ފިލްމަކީ ސަނީ ޑިއޯލް އާއި ދަލްގޫރް ސަލްމާނާ އެކީ މިދިޔަ އަހަރު ގެނެސްދިން "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޗީނީ ކުމް"، "ކީ އެންޑް ކާ"، "ޝަމީތާބު" އަދި "ޕެޑްމޭން" ހިމެނެ އެވެ.