Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހޯރަފުށީ އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރު

ހއ. ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި އެވެ.

އެގޮތުން ރޭ ވަނީ ގައުމީ އެއާލައިންގެ ބޯޓެއްގެ ފުރަތަމަ ދަތުރު ބާއްވައިފަ އެވެ. ހޯރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ރަސްމީކޮށް އިފުތިތާހްކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

އެ ރަސްމިއްޔާތަށް ފަހު ހަވާ ވެސް އެރުވި އެވެ.

ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ކައުންސިލުން ބުނީ މިއީ ރަށަށް އަދި މި ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ އެއާޕޯޓަކީ ދުވާލެއްގެ މައްޗަށް ތިން ދަތުރު ބާއްވާ އެއާޕޯޓެކެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020 ގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ފަޅު ހިއްކައިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމި މި އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮންނަ އެއާޕޯޓެކެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގައި ތާރު މަގުތަކާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް އެތަނުގައި ހަދާފައިވެ އެވެ.

ހޯރަފުށީ އެއާޕޯޓް ތަރައްގީކުރަން 198 މިލިއަން ރުފިޔާ ހޭދަކުރި އެވެ.