ސްކޫލް ބޮޑު ބަންދަށް ފަހު މި އަހަރުގެ ދިރާސީ އާ އަހަރު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން ފެށުމަށް މިހާރު ވާން ޖެހޭ ގިނަ ތައްޔާރީތައް ނިމިފައިވާ އިރު، ސްކޫލްތަކުގެ މެނޭޖްމަންޓާއި ޓީޗަރުން ވެސް މި މަހުގެ 1 ވަނީ މަސައްކަތަށް އެނބުރި ނިކުމެފަ އެވެ އެހެންވެ މާދަމާ އަކީ ކުލަގަދަކޮށް ސްކޫލްތަކުން ދަރިވަރުންނަށް މަރުހަބާ ކިޔާނެ އަދި ދަރިވަރުންނަށް ވަރަށް ހާއްސަ ދުވަހަކަށް ވާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސްކޫލްތަކުގައި ކިޔެވުން ފަށާ އިރު، ހުރިހާ ސްކޫލްތަކެއްގައި ވެސް މައިގަނޑު ހުރިހާ ޓީޗަރުން ހަމަވާނެ އެވެ. ސްކޫލްތަކަށް ބޭނުންވާ ޓެކްސްޓްތައް ފޮތްތައް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ތެރޭގައި ފޮނުވައި ނިންމައިފަ އެވެ.
މި އަހަރުގެ ދިރާސީ އާ އަހަރު ފަށާ އިރު، ރާއްޖޭގެ ބައެއް ހިސާބުތަކުގައި އާ ސްކޫލްތަކާއި އަދި ބައެއް ސްކޫލްތަކުގެ އާ އިމާރާތްތަކުގައި ކިޔަވައި ދޭން ފަށާނެ އެވެ. އަދި ބައެއް ސްކޫލްތަކުގައި މި އަހަރު އަލަށް އެއް ދަންފަޅި އަށް ވެސް ކިޔަވައި ދޭނެ އެވެ.
ދިރާސީ އަހަރުގައި 201 ދުވަހު ކިޔަވައި ދޭނެ އެވެ. އެއީ ފުރަތަމަ ޓާމުގައި 93 ދުވަސް އަދި އަދި ދެވަނަ ޓާމުގައި 108 ދުވަހެވެ.