Last Updated: May 20, 01:49
Monday, May 20, 2024
ދުނިޔެ

އެޕަލްގެ ޗެޓްބޮޓް ކަށަވަރު

މިދިޔަ އަހަރު އޯޕަންއޭއައި އިން ތައާރަފުކުރި ޗެޓްޖީޕީޓީ ކަހަލަ ޗެޓްބޮޓަކަށް މަސައްކަތް ކުރަމުން އަންނަކަން އެމެރިކާގެ މަޝްހޫރު ކުންފުނު އެޕަލް އިން ކަށަވަރުކޮށް ދީފި އެވެ.

މިދިޔަ މަހުގެ ތެރޭގައި މި ވާހަކަ ބައެއް މީޑިއާތަކުން ވެސް ރިޕޯޓްކުރި އެވެ. އެގޮތުން އެޕަލްގެ ތެރޭގައި ޑި ވެލޮޕްކުރަމުން އަންނަ ޗެޓްބޮޓަށް ކިޔަނީ "އެޕަލް ޖީޕީޓީ" ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އޭރު މިކަމާ ގުޅިގެން އެޕަލް އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ އާމްދަނީއާ ގުޅޭ ގޮތިން އިއްޔެ ބޭއްވި ބައްދަލުމެއްގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ ޗެޓްބޮޓަކަށް އެޕަލް މަސައްކަތްކުރަމުން އަންނަކަން ކަށަވަރުކޮށް ދެއްވައިފަ އެެވެ. އޭނަ ވިދާޅުވީ ޓެކްނޮލޮޖީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ އިރު، އެޕަލްގެ އުފެއްދުންތަކަށް ވެސް މިހާރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަރަށް މުހިއްމު ކަމަށާއި އެ އެއްފަރާތްކޮށްފައި މިހާރަކު ކުރިއަށް ދެވެން ނެތް ކަމަށެވެ.

 

ކުކް ފާހަގަކުރެއްވި ގޮތުގައި އޭއައި އާއި މެޝިން ލާނިން އަކީ މިހާރު އެއާނުލައި ކުރިއަށް ނުދެވޭ ހިސާބަށް ގޮސްފައިވާ ކަމެކެވެ. އެގޮތުން އެޕަލް އިން މި އަހަރުގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި ދައްކައިިލި "ޕާސަނަލް ވޮއިސް" އާއި "ލައިވް ވޮއިސްމެއިލް" އަކީ އެ އެއްޗެހީގައި އޭއައިގެ ދައުރު ވަރަށް ބޮޑު އެއްޗެހި ކަމަށް ވިދާޅުވި އެވެ.

"ހަގީގަތަކީ އެފަދަ އީޖާދުތައް އޭއައިއާ ނުލައި ފައްކާ ކުރެވެން ނެތްކަން." ކުކް ވިދާޅުވި އެވެ.

ނަމަވެސް އެޕަލްގެ ޗެޓްބޮޓާ ބެހޭ މާ ބޮޑު ތަފުސީލެއް އޭނަ ނުދެއްވަ އެވެ.

ބޮޑެތި ވަރަށް ގިނަ ޓެކް ކުންފުނިތަކުން މިހާރު އޭއައިއާ ދިމާއަށް ސޮއްސާލައި، އެ ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ އިރު، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަ ވެސް މިހާރު އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ.