Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ޓެސްޓެއްގައި ކޮޕީކޮށްގެން ފަޅާއެރި: ޝްރަދާ

ސްކޫލްގައި ކިޔަވަން އުޅުނު އިރު ވަރަށް ގިނައިން އިމްތިހާނުތަކުގައި ކޮޕީކުރި ކަމަށާއި އެކަން ރަސްމީކޮށް ފުރަތަމަ ފަޅާއެރީ ގްރޭޑް 11 ގައި އުޅެނިކޮށް ކަމަށް ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް ބުނެފި އެވެ.

މި އަހަރުގެ މާޗްގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ތޫ ޖޫޓީ، މޭ މައްކާރު" ގެ ބަތަލާ، ބޮލީވުޑް ހަންގާމާގެ ނޫސްވެރިޔާ ރޯހިތު ކިލާނީގެ ޝޯ "ހޭންގްއައުޓް" ގައި ވާހަކަ ދައްކަމުން ބުނީ ކޮޕީކުރަނިކޮށް "ރެޑް ހޭންޑްކޮށް" ފަޅާއެރި ދުވަހަކީ އެންމެ ބިރުގަތް އެއް ދުވަސް ކަމަށެވެ.

"ގްރޭޑް އެގާރައިގެ ޓެސްޓެއް އޮތް ދުވަހަކު ޔުނިފޯމްގެ ކުރިމަތީގައި ޖވާބުތަކެއް ލިޔެގެން އަހަރެން ދިޔައީ. ހިތަށް އެރީ މިކަން މިގޮތަށް ކޮށްގެން އެއްވެސް މީހަކަށް ރޭކައެއް ވެސް ނުލާނޭ،" މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ. "ދެން ވަރަށް ހަމަޖެހިލައިގެން އިނދެ އިމްތިހާނު ހޯލުގައި ޕޭޕަރު ހަދަމުން ދިޔައީ ކޮޕީކުރަމުން."

ނަމަވެސް ކަންދިމާކުރި ގޮތުން ޝްރަދާ އޭރު "ގަންނަމުން ދިޔަ ގަނޑު" އިމްތިހާނު ހޯލުގެ އިންވިޖިލޭޓަރަކު ދިޔައީ ފަހަތުގައި ހުރެގެން ވަރަށް ރަނގަޅަށް ބަލަމުންނެވެ.

"އޭނަ ހުރީ އަހަރެން ކުރާ ކަންތައް ބަލަން ފަހަތުގައި. އެކަމަކު އޭނަ ހުރި ކަމެއް އަހަންނަކަށް ނޭނގޭ. ކުއްލިއަކަށް އޭނަ އަހަރެންގެ ނަން ވަރަށް ބާރަށް ގޮވާލީމަ ސިއްސައިގެން ދިޔައީ. ދެން ވަރަށް ބިރުން އިނީ. ހިތަށް އެރީ މިއަދަކީ މުޅި މީހާ ބޭޒާރު ވާނެ ދުވަހޭ،" އާޝިގީ 2 އާއި އޭކް ވިލަން ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ. "އެކަމަކު އަހަރެންގެ ނަން މުޅި ހޯލު ތެރޭގައި ގުގުމާލި ގޮތަށް އޭނަ ދެން އެއްވެސް އެއްޗެއް ނުބުނޭ. އެ އިންވިޖިލޭޓަކީ އެ ދުވަސްވަރު އަހަންނަށް ކަތަކް ނެށުން ދަސްކޮށް ދެމުން އައި ކަތަކު ޓީޗަރު."

ޝްރަދާ ބުނި ގޮތުގައި އޭގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭނަ އިމްތިހާނުތަގައި މަކަރާއި ހީލަތް ހަދާފައިވެ އެވެ.