Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

މުއިއްޒުގެ ރަނިންމޭޓަކަށް ހުސައިން

ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބުނު މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެންޑިޑޭޓެއްގެ ގޮތުގައި ހޮވާފައިވަނީ އެމަނިކުފާނުކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، އޭނާގެ ރަނިންމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ ޒިންމާއެއްކަމުގައި ދެކޭ ކަމަށެވެ.

އެހެންކަމުން ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

"އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް. އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން." ޑރ. މުއިއްޒުގެ ޓްވީޓްގައިވެއެވެ.

ރައީސް ޔާމިނަށް ވާދަނުކުރެވޭ ހާލަަތަކަށް ތައްޔާރުވުމަށް ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމާ ހުޅުވާލުމުން ކުރިމަތިލެއްވީ މުއިއްޒު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އޭގެތެރެއިން ޓިކެޓް ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒުއެވެ. އެހެންނަމަވެސް ޕީޕީއެމުން ބުނެފައިވަނީ ޑރ. މުއިއްޒު އަކީ ތިން ވަނަ ޗޮއިސް ކަމަށާއި، ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.