އެމެރިކާގެ ދުވަސްވީ އަންހެނަކު އުޅޭ ގެއަކަށް ވައްކަންކުރަން ވަން ވަގަކަށް ކާން ދޭން ޖެހިއްޖެ އެވެ.
ތިރީސް ފަސް އަހަރު ޓީޗަރެއްގެ ވަޒީފާ އަދާކޮށް މިހާރު ރިޓަޔާކޮށްގެން ހުރި 87 އަހަރުގެ މާޖޯރީ ޕާކިންސް އޭނަގެ ގެއަށް ވަން ވަގުގެ ފަރާތުން ދިމާވި ކަންކަމުގެ ތަޖުރިބާ ބީސީސީއާ ހިއްސާކޮށް ބުނީ ވަގު ގެއަށް ވަންކަން އެނގުމާ އެކީ އޭނައާ ކުރިމަތިލި ކަމަށެވެ.
"އަހަރެން އޭނަ ގައިގައި ވަރަށް ތެޅިން. އަދި ގެއިން ނެރެން މަސައްކަތްކުރީމަ އޭނަ ދާން ފެށީ ބަދިގެއާ ދިމާއަށް." ބްރަންސްވިކްގެ މެއިންގައި ދިރިއުޅޭ ޕާކިންސް ބުންޏެވެ.
އޭނަ ކިޔައިދިން ގޮތުގައި ވަގުގެ ގައިގައި ވަރަށް ބޮޑަށް އެތެޅުމުން އޭނަ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ، ވަރުދެރަވެފައި ކަމަށެވެ. ދެން ވަގު އެދުނީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ހުރުމުން ކާނެ އެއްޗެއް ދިނުމަށެވެ. ޕާކިންސް ދެން ވަގަށް ކާން ދިނީ އެވެ.
"އަހަރެން އޭނަ ކައިރީގައި ބެހެއްޓިން ބިސްކޯދު ޕެކެޓަކާއި ޕީނަޓް ބަޓަރު ފުޅިއަކާއި މާމުއި ފުޅީއަކާއި ދެ ޕްރޮޓީން ޝޭކްގެ އިތުރުން ދެ ޓޭންޖެރިން. އެކަމަކު އޭނަ ކެއީ އެންމެ ބިސްކޯދެއް. އޭނަ އެ ކާން އިރު، އަހަރެން ފުލުހުންގެ އިމަޖެންސީ އަށް ވެސް ގުޅިގެން. އެކަމަކު އެ މީހުން އައުމުގެ ކުރިން ވަގު ވަނީ ފިލާފައި." ޕާކިންސް ބުންޏެވެ.
ދުވަސްވީ މީހާ ވަގާ ކުރިމަތިލުމުގެ ސަބަބުން ގެއިން އޭނަ އަށް އެއްވެސް އެއްޗެއް ވަގަށް ގެންދާކަށް ފުރުސަތެއް ވެސް ނުލިބުނެވެ.
ނަމަވެސް ވައްކަން ކުރަން ވަން މައްސަލާގައި ވަގުކަލޭގެ މިހާރު ހުރީ ހައްޔަރުކޮށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފަ އެވެ. ފުލުހުން އޭނަ އަތުލައިގަތީ ސްނިފާ ޑޯގެއްގަ އެހީގަ އެވެ. އަދި އެ ވަގަކީ އެއީ 17 އަހަރުގެ ކުއްޖެކެވެ. އޭނަގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ވައްކަންކުރުމާއި މަސްތުވެގެން ހުރުމާއި ބިރު ދެއްކުން ހިމެނެ އެވެ.