އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީން ކުރިއަށްދަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާއާއެކު ކަމަށް މާލެސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބުނު މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖެއްސުމުން އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝުޖާ ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީ މަގުމަތި ނުވާނެ ކަމަށެވެ. ރައީސް ޔާމީން ހުސްގޮޅިއެއްގައި ނުބެހެއްޓޭނެ ކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށާއި، އެކަމާ ސަޕޯޓަރުން ކަންބޮޑު ނުވުމަށް ޝުޖާ އެދިވަޑައިގެންފައިވެއެވެ.
"ރައީސް ޔާމީންގެ މަޝްވަރާއާއި ނުލާ މިދެޕާޓީން އެއްވެސްކަމެއް ނުކުރައްވާނެ. ޕީ.ޕީ.އެމް/ޕީ.އެން.ސީ އަކީ ރައީސް ޔާމީން. އަޅުގަނޑުމެން ދާނީ އެކުއެކީ ބާރަށް ކުރިއަށް." ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޔާމިނަށް ވާދަނުކުރެވޭ ހާލަަތަކަށް ތައްޔާރުވުމަށް ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމާ ހުޅުވާލުމުން ކުރިމަތިލެއްވީ މުއިއްޒު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އޭގެތެރެއިން ޓިކެޓް ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒުއެވެ.
އެހެންނަމަވެސް ޕީޕީއެމުން ބުނެފައިވަނީ ޑރ. މުއިއްޒު އަކީ ތިން ވަނަ ޗޮއިސް ކަމަށާއި، ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. މުއިއްޒަކީ ތިން ވަނަ ޗޮއިސް ކަމަށް ހާމަކުރުމުން އެކަމުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.