މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންގް މޭޓަކަށް އައްޑޫ ހިތަދު އަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމައިފި އެވެ.
މިކަން އިއުލާން ކުރުމަށް ހަމެޖެހިފައި ވަނީ މިރޭ އެޕާޓީން ބާއްވާ ޖަލްސާގައި ކަަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ޕާޓީން ވެސް ވަނީ މިރޭ ނާޒިމްގެ ރަނިންމޭޓު އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ. ކުރިން އަޑުއެރި ގޮތުގައި ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖައްސަން އުޅުނީ ފޭދު އަށް ނިސްބަތްވާ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް އެވެ.
ހިތަދޫގައި ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ކޮށްފައިވާ އަދީލް އަކީ ސިޔާސީ ދާއިރާގައި އެހާ ބޮޑަށް ހަރަކާތްތެރިވެފައިވާ ބޭފުޅެއް ނޫނެނެވެ. ނަމަވެސް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދައިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން އަދީލް ވާދަކުރެއްވި އެވެ. އެ ގޮނޑި އަދީލަށް ނާކަމިޔާބުވި އިރު، ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ނާޒިލް އެވެ.
އަދީލަކީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދުދީދީގެ ފިރިކަލުންނެވެ.
ތަޢުލީމީ ދައިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ އަދީލް އަކީ އެމްއެންޕީގެ ރަނިންމޭޓަކަށް ހަމަޖައްސާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ ވެސް ހިތަދޫ ބޭފުޅެކެވެ. އެއީ އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދައިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.