ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ވާދަކުރުމަށް ޕީއެންސީން ކެންޑިޑޭޓަކު ހޮވާފައިވާ ކަމަށާއި އިތުރު ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށް ޕީޕީއެމްގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީގެ ތެރޭގައި ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މުއާޒް ވިދާޅުވީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ދެން ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ދެއްކިޔަސް ތާއީދެއް ނުކުރާނެ ކަމަށެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތަކަށް ކަމަށްބުނެ ޕީއެންސީން ކެނޑިޑޭޓަކު ހޮވާފައިވާ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
"ބަތްކައްކާ ކުޅެން ނޫޅޭ." މުއާޒް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ކުރިމަތިނުލެވަޭ ހާލަތެއްގައި ދެން ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ދެއްކިޔަސް ތާއީދެއް ނުކުރާނަން. ރައީސް ޔާމީނަށް ނުލެވޭ ހާލަތަކަށް ކަމަށްބުނެ ޕީއެންސީން ކެނޑިޑޭޓަކު ވަނީ ހޮވާފަ. ބަތްކައްކައްކާ ކުޅެން ނޫޅޭ
— Muaz Mohamed Rasheed (@muazmr) August 5, 2023
ރައީސް ޔާމިނަށް ވާދަނުކުރެވޭ ހާލަަތަކަށް ތައްޔާރުވުމަށް ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމާ ހުޅުވާލުމުން ކުރިމަތިލެއްވީ މުއިއްޒު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އޭގެތެރެއިން ޓިކެޓް ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒުއެވެ. އެހެންނަމަވެސް ޕީޕީއެމުން ބުނެފައިވަނީ ޑރ. މުއިއްޒު އަކީ ތިން ވަނަ ޗޮއިސް ކަމަށާއި، ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. އެހެން ބުނެފައިވަނިކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ރެކޯޑު ސާފު ކުރަން ހުށަހަޅުއްވައިފައެވެ.