އެމެރިކާގެ އިންޓަ މަޔާމީ މިހާރު މިހާރު ކުޅެމުން ލައިނަލް މެސީގެ އޮޓޯގްރާފް ހޯދި އާދައިގެ މަސައްކަތުގެ މީހެއްގެ ވަޒީފާ ގެއްލިއްޖެ އެވެ.
ވަޒީފާ ގެއްލުނު ކޮލަމްބިއާ އަށް ނިސްބަތްވާ ކްރިސްޓިއަން ސަލަމަންކާ އަކީ ކޮންޓްރެކްޓް އުސޫލުން ކުޅިވަރު ސްޓޭޑިއަމްތަކާއި މިއުޒިކް އިވެންޓްތައް ބާއްވާ ތަންތަން ސާފުކޮށްދޭ ކުންފުންޏެއްގެ ދަށުން މަޔާމީ ޑީއާރްވީ ޕިންކް ސްޓޭޑިއަމްގެ މަސައްކަތު މީހެކެވެ. އޭނަގެ ވަޒީފާ ގެއްލުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ ސްޓޭޑިއަމްގައ މެސީގެ އޮޓޯގްރާފް ހޯދުމުންނެވެ. ސަލަމަންކާ އަކީ ސްޓޭޑިއަމްގެ ފާހާނާ ސާފުރާ މީހެކެވެ.
މީޑިއާތަކަށް ސަލަމަންކާ ބުނީ އޭނަ އަކީ މެސީގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނަ ސްޓޭޑިއަމްގެ ފާހާނާ ސާފުކުރަން ތައްޔާރު ވަމުން ދަނިކޮށް މެސީގެ ޓީމު ދާން ބަސް ޕާކްކުރުމާ އެކު ކުޅުންތެރިން ދާން ބަހަށް އަރަން ދަނިކޮށް ކުއްލިއަކަށް މެސީ ފެނުމާ އެކީ ގޮވާލައި އޮޓޯގްރާފު ހޯދަން އެދުނީ ކަމަށެވެ.
"އަހަރެން ހުރީ ޔުފޯމްގެ ދަށުން އާޖެންޓީނާގެ ޖާޒީއެއް ވެސް ލައިގެން. ދެން ހޭއި ޗެމްޕިއަންއޭ ކިޔާފައި ގޮވާލީމަ ނެސީ މަޑުކުރީމަ ގޮސް ޔުނިފޯމް ހިއްލާފައި ޖާޒީގައި ސޮއިކުރުވައިގެން އޮޓޯގްރާފު ހޯދީ،" ސަލަމަންކާ ބުންޏެވެ. "އެކަމަށް އަހަރެން ތައްޔާރުވެގެން ހުރިމަ މާކަރެއް ވެސް ހިފައިގެން އުޅުނީ."
ނަމަވެސް މިކަމާ ގުޅިގެން އޭނަ މިހާރު ހުރީ ވަޒީފާ އިން ވަކިކޮށްފަ އެވެ. ސަބަބަކީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް އަންޕްރޮފެޝަލްކޮށް އަމަލުކުރުމެވެ. ސަލަމަންކާ ވަޒީފާ އަދާކުރި ކުންފުނީގެ އުސޫލުތައް އޮންނަ ގޮތުން ސެލެބްރިޓިންގެ ޕްރައިވެސީ އަށް ބުރޫއަރާ ގޮތަށް އެ މީހުންނާ އެކީ ސެލްފީ ނަގަން އެދުމާއި އޮޓޯގްރާފު ހޯދަން މުވައްޒަފުން އުޅުމަކީ މަނާ ކަމެކެވެ.
ސަލަމަންކާ ބުނީ ވަޒީފާ ގެއްލުނަސް ދެރަނުވާ ކަމަށާއި މެސީގެ އޮޓޯގްރާފު އެއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ކަމަށެވެ.
މަޔާމީ ޑީއާރްވީ ޕިންކް ސްޓޭޑިއަމްގެ ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ޕްރޮފެޝަލްކޮށް އަމަލުތައް ބަހައްޓަން ހަނދާންކޮށް ދީފަ އެވެ.