ހުނަރުވެރި ނެށުންތެރިއެއްގެ ގޮތުގައި ބެލުންތެރިން ބަލައިގަތަސް ބޮލީވުޑްގެ ފިލްމުތަކުން ލީޑް ރޯލު ނުލިބޭތީ މާޔޫސްވާ ކަމަށް ނޯރާ ފަތުހީ ބުނެފި އެވެ.
މިހާތަނަށް އެތައް ފިލްމެއް އައިޓަމް ލަވަތަކުގައި ނެށުމުގެ ހުނަރު ދައްކާލައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި 31 އަހަރުގެ ފަންނާނު ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުތަކުގެ ލީޑް ރޯލު ނުލިބެނީ ކީއްވެކަން ނޭނގޭ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.
"ބަތަލާއެއްގެ ފުލް ޕެޖޭކަށް ބަލާ ކަމަން ވަންޏާ ބޮލީވުޑްގެ އެންމެ އައިކޮނިކް ބައެއް ބަތަލާއިންނަކީ ނެށުމަށް ވެސް ހަމަ އެހާ މޮޅެތި ތަރިން. އެ މީހުން ވަނީ ނެށުމާ އެއްވަރަށް ފިލްމުތަކުގައި މޮޅެތި އެކްޓިން ވެސް ދައްކާފައި. އެކަމާ އެއްވެސް ބަޔަކު ޝައްކެއް ވެސް ނުއުފައްދާ،" ނޯރާ ބުންޏެވެ. "އެކަމަކު އަހަރެންގެ ކޭސްގައި މިއާ އިދިިކޮޅު. ފިލްމުތަކުން ލީޑް ރޯލެއް ނުލިބޭ. ސީދާ ސަބަބެއް އަހަންނަކަށް ނޭނގޭ."
އޭނަ ބުނި ގޮޔުގައި މިހާރު ބޮލީވުޑުން އާންމުކޮށް ބޮޑެތި ވަރުގަދަ ފިލްމުތަކުން ފުރުސަތު ލިބެނީ ހަތަރު ވަރަކަށް ބަތަލަކާއަކަށެވެ. އަދި އެ ތަރިންނަށް ހުއްޓުމެއް ނެތި އޮފާތައް އޮހެމުން އަންނަ ކަމަށް ވެސް ނޯރާ ބުންޏެވެ. ނަމަވެސް އެއީ ކޮން ބަތަލާއިންނެއް ކަމެއް ނުބުނެ އެވެ.
މިހާރު ބޮލީވުޑަށް ބަލާ އިރު އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތަރިންނަކީ ދީޕިކާއި ޕަދްކޯނާއި އާލިއާ ބަޓާއި ކްރިތީ ސެނަން އާއި ޝްރަދާ ކަޕޫރެވެ. މީގެ އިތުރުން މި ފަހުން ބޮލީވުޑަށް ނުކުތް ބަތަލާއިންގެ ތެރެއިން ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރާއި އަނަންޔާ ޕާންޑޭ އަކީ ވެސް ބާރަށް ކުރިއަރަމުން އަންނަ ބަތަލާއިންނެވެ.
"ދިލްބަރް" އާއި "އޯ ސާކީ ސާކީ" އާއި "ގަރުމީ" އާއި "ކުސޫ ކުސޫ" އަދި "މަނިކެ" ފަދަ ހިޓް ލަަވަތަކުން ފެނިފައިވާ ނޯރާ ބައެއް ފިލްމުތަކުގައި ކުދިކުދި ރޯލުތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި ސަލްމާން ޚާންގެ "ބާރަތު" އާއި ވަރޫން ދަވަންގެ "ސްޓްރީޑް ޑާންސާ" ހިމެނެ އެވެ.
ނޯރާގެ ކުރިއަށް ބައެއް ޕްރޮޖެކްޓްތަކުގައި އޭނަ ލީޑު ރޯލުން ފެންނާނެ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ސާޖިދު ޚާންގެ "100 ޕަސެންޓް" އާއި ކުނާލް ކޭމޫގެ "މަދުގާއޯ އެކްސްޕްރެސް" ހިމެނެ އެވެ.