މިރެއާއި މާދަމާވެސް ދިޔަވަރު ބޮޑުވާގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިލްތިމާސްކޮށްފިއެވެ.
މިއަދު ހަވީރު 15:30 އާއި 18:30 ދެމެދު މާލެ ސަރަހައްދަށް ވަނީ އުދަ އަރާފައެވެ. އެގޮތުން މާލެ ހުޅުމާލެ ގުޅޭ ހައިވޭ ސަރަހައްދަށް އުދަ އަރާފައިވާއިރު، ހެންވޭރު ކޮޅުންވެސް އުދަ އަރާފައިވައެވެ. އަދި އުދަ އެރުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އުދަ އެރުމާއި ގުޅިގެން އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި އުދަ އެރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި މިފަދަ ހާލަތެއްގައި ސަމާލުކަން ދޭންވީ ބައެއްކަންކަން ވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން
- އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
- ގެއަށް ފެންނުވަންނާހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލި ބަސްތާ ޖެއްސުން.
- ފެން ބޮޑުވެއްޖެ ހާލަތެއްގައި ގެއްލުންވާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން. އުސްތަނަކަށް ނުގެންދެވޭ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން.
- ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން.
- އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ނުދާނެކަން ޔަޤީން ކުރުން.
- މާލެ ހުޅުމާލެ ދެމެދު ދަތުރު ކުރާ ފަރާތްތަކުން ދިޔަވަރު ބޮޑުވާ ގަޑިއަށް ސަމާލުކަން ދިނުން.
- އުދައިގެ ސަބަބުން އަރާ ކުނި ބުނި އަވަހަށް ސާފުކުރަން ސަމާލުވުން.
އެންޑީއޭމްއޭއިން ވަނީ މިކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ތައްޔާރުވެ ސަމާލުވާން އެދިފައެވެ. މިއަދު މާލެ ސަރަހައްދަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ އެހެން ރަށަކަށް އުދަ އަރާފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލާފާ ކުރާ ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން އެކަށީގެންވެއެވެ. މިދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވިޔަސް، ރާޅުތަކުގައި 3 ފޫޓާއި 7 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.