ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެއާ އެކީ އެ ޕާޓީގެ ކެންޑިޑޭޓްގެ ރަނިންމޭޓަކީ ކާކުކަން އެނގިގެން ދާނެ ކަމަށް ޕާޓީގެ މުޢައްސިސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
އިލްޔާސްގެ ރަނިންމޭޓާ ގުޅުވައިގެން ދެ ނަމެއްގެ ވާހަކަ އޮތީ ދެކެވިފަ އެވެ. އޭގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަނެއް ބޭފުޅަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީ އަށް އޭނަ އެކަނި ނަން ހުށަހެޅުމުންނެވެ. އިންތިހާބުގައި ވާދަކުރަން ޑިމޮރެކްޓްސް އިން މިއަދު ފޯމު ހުށަހަޅަން ނިންމާފައި އިރު، އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން އެ ޕާޓީން މިހާރު އަންނަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ.
އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން މުއްދަތު މާދަމާ މެންދުރު ފަހު 2:00 އާ ހަމައަށް ވާނެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 9 ގަ އެވެ.