ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ހިމަނައިގެން ޑައިރެކްޓަރު ކަރަން ޖޯހަރް ފިލްމެއް ހަދަން ޕްލޭން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ވަރަށް ޒުވާން ލޯބީގެ ހިތްގައިމު ވާހަކައެއް ކިޔައިދޭނެ އެއްޗެއް ކަމަށާއި އޭގެ ސްކްރްޕީންޕްލޭ އަށް ކަރަންގެ ޓީމުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި ވަގުތު މިއާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ނެތެވެ.
ކަރަންގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ދެން އޭނަ ޑައިރެކްޓްކުރާ ގޮތަށް އޮތީ އެކްޝަން ޖޯންރާގެ ފިލްމެކެވެ. މީގެ ނަމާއި ކާސްޓް އަދި އިއުލާނެއް ނުކުރެ އެވެ.
ކަރަން އަކީ ސުހާނާގެ ބައްޕަ ޝާހްރުކްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ޑައިރެކްޓަރެވެ. އޭހެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ. މީގެ އިތުރުން ޝާހްރުކްގެ ވަރަށް ފާހަގަކޮށްލެވޭ އެހެން ފިލްމެއް ކަމަށްވާ "ކަލް ހޯ ނަ ހޯ" އަކީ ކަރަން ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސްކުރި ފިލްމެކެވެ. އަނެއްކޮޅުން ކަރަން އަކީ ޝާހްރުކްގެ އާއިލީ މެމްބަރެއް ކަހަލަ މީހެކެވެ.
ސުހާނާގެ ފުރަތަމަ ފިލްމަކީ ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށް، ނެޓްފްލިކްސް އަށް ގެންނަން ތައްޔާރުވަމުން އަންނަ "ދި އާޗީސް" އެވެ. މި ފިލްމަކީ ކުރީގެ ސްރީދޭވީގެ ދަރިފުޅު ހުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ތައާރަފުވާ ފިލްމެވެ.
"ދި އާޗީސް" ބެލުންތެރިންނަށް ދޫކޮށްލާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
މިދިޔަ ޖޫން މަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހްރުކާއި ސުހާނާ އެކީގައި ފިލްމެއް ކުޅެން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި މާފްލިކްސް ފިލްމްސް އާއި ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބުނާ މި ފިލްމުގެ ޑައިރެކްޓަރަކީ "ކަހާނީ" އާއި "ބަދުލާ" ގެނެސްދިން ސުޖޯއި ގޯޝް ކަމަށް މީޑިއާތަކުން ބުންޏެވެ.