ރިޔާސީ އިންތިހާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހަޅަން ދިން މުއްދަތު ހަމަވާން ގާތްވަމުން އަންނަ އިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ހަސަން މަނިކު ވެސް އެ މަނިކުފާނުގެ ރެކޯޑް ސާފުކުރައްވަން ހުށަހަޅުއްވައިފަ އެވެ.
ވަހީދަކީ ޕީޕީއެމްގެ މެމްބަރެކެވެ. އަދި އެ މަނިކުފާނު ރެކޯށް ސާފުކުރައްވަން ހުށަހަޅާފައި މި ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެކަން ކަށަވަރުވާ ހިސާބުން، ޕީޕީއެމުން "ޕްލޭން ބީ" އަކަށް ފުރުސަތު އޮތްކަން އިއުލާންކޮށްފައި ވަނިކޮށެވެ.
ޔާމީނު ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ނިންމުން އިދިކޮޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމާ ގުޅޭ ޝަރީއަތް ހުކުރު ދުވަހު ފަށައި، ޔާމީނަށް ވާދަކުރެއްވޭނެތޯ ނޫންތޯ ނިންމުން އޮތީ މިއަދަށް ތާވަލުކޮށްފަ އެވެ.

ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސީ 2013 ގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ބެލެވޭ ގޮތުން ވަހީދު ރެކޯށް ސާފުކުރައްވަން ނިންމެވީ ޔާމީނަށް ވާދަނުކުރެއްވޭނެކަން ކަށަވަރުވާ ހިސާބުން ޕީޕީއެމުން ނިންމާނެ ގޮތަކަށް ރިއާޔަތްކޮށެވެ.
ޔާމީނަށް ވާދަނުކުރެއްވޭނެކަން އީސީން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޕީއެންސީން މިހާރު އޮތީ ކެންޑިޑޭޓަކު ހޮވައިފަ އެވެ. އެއީ ޑރ. މުހައްމަދު މުއިއްޒެވެ. އަދި އޭނަގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ޑރ. ވަހީދަކީ 2008 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ނައިބު ރައީސެވެ. އަދި ނަޝީދު ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ދައުރުގެ ބާކީ އޮތް މުއްދަތުގައި ރައީސްގެ މަގާމު އަދާކުރެއްވީ ވަހީދެވެ. އޭރު ނައިބު ރައީސްކަން ކުރެއްވީ މުހައްމަދު ވަހީދުއްދީނެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތަތަކަށް ނަން ހުށަހަޅަން އީސީން ދިން މުއްދަތު މާދަމާ މެންދުރު ފަހު 2:00 އަށް ހަމަވާނެ އެވެ.