ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯމް ހުށަހަޅުއްވައިފިއެވެ.
ރައީސް ސޯލިހްގެ ފޯމް އީސީއަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުއެވެ. އެމަނިކުފާނުގެ ފޯމު އީސީއާ ހަވާލުކުރެއްވީ އިންތިހާބީ އޭޖެންޓު އަދި ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.
ރައީސް ސޯލިހްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއެވެ.
ރިޔާސީ އިންތިހާބަށް ރައީސް ސޯލިހްއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ. އެމަނިކުފާނު އަންނަނީ ރިޔާސީ އިންތިހާބްގެ ކެމްޕޭނަށް އެކި ރަށްރަށަށް ދަތުރުވެސް ކުރައްވާ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.