ގަލް ގެޑޯ ޓައިޓްލް ރޯލު ކުޅޭ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން" ގެ ތިން ވަނަ ބައި ނަހަދަން ނިންމާފައި ވަނިކޮށް، އެ ފިލްމު މިހާރު ހަދަން ނިންމައިފި އެވެ.
އެކަން ފިލްމުގެ ބަތަލާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. މީޑިއާއަކަށް ގަލް ބުނީ ވޯނާ ބްރޮސް އާއި ޑީސީ ސްޓޫޑިއޯސް އިން މިހާރު ތިން ވަނަ ބައިގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ފިލްމު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ.
"ވޮންޑަ ވުމަން އަކީ އަހަރެންގެ ހިތާ ވަރަށް ގާތް، އަހަރެން ކުޅެން ވަރަށް ގަޔާވާ ރޯލެއް،" އިޒްރޭލަށް އުފަން ގަލް ބުންޏެވެ. "ޕްރޮޑިއުސަރުން ކަމަށްވާ ޖޭމްސް ގަން އާއި ޕީޓާ ސަފްރާންގެ ފަރާތުން އެނގިފައި އޮތް ގޮތުން ތިން ވަނަ ބައިގެ ސްކްރީޕްލޭގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ."
"ވޮންޑަ ވުމަން 3" ނަހަދަން ނިންމިކަމުގެ ވާހަތަކެއް މީޑިއާތަކުގައި ދެކެވުނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭރު މީޑިއާތަކުން ބުނީ ފުރަތަމަ ދެ ބައިގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ގެނެސްދިން ސްކްރިޕްޓާ މެދު ގަން އާއި ޕީޓާ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންވެ "ވޮންޑަ ވުމަން 3" ހެދުމުގެ ހިޔާލު ދޫކޮށްލީ ކަމަށް ބުންޏެވެ.
މީގެ ފުރަތަމަ ބައި 2017 ގައި ގެނެސް ދިނުމަށް ފަހު، ދެވަނަ ބައި "ވޮންޑަ ވުމަން 1984" ގެނެސްދިނީ 2020 ގަ އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގަ ބަޖެޓަކުން ހެދި ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި 822.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ދެވަނަ ބަޔަށް ހަރަދު ފޫބެއްދިފައެއް ނުވެ އެވެ. އެ ފިލްމަށް ލިބުނީ 169.6 މިލިއަން ޑޮލަރެވެ.
ގަލްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސްޕައި ތުރިލާ "ހާޓް އޮފް ސްޓޯން" އެވެ. ޓޮމް ހާޕާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ޖެމީ ޑޯނަން އާއި އިންޑިއާގެ ބަތަލާ އާލިއާ ބަޓް ވެސް ހިމެނެ އެވެ.