Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ޗައިނާ މާކެޓް މިހާރު 3 ވަނައިގައި

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން ތިން ވަނަ ގައުމުގެ މަގާމު ޗައިނާ އަށް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 2 އާ ހަމައަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 94،476 އަށް އަރައިފަ އެވެ. ކޮވިޑާ ވިދިގެން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ 18 އިން ފެށިގެންނެވެ. އަދި އެ ގައުމުގެ ތިން އެއާލައިނަކުން މިހާރު ރާއްޖެ އަށް ދަތުރުކުރެ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާ ހޯދި، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށިތާ މަހެއްހާ ދުވަހުގެ ތެރޭގައި ގަދަ 10 މާކެޓްގެ ތެރޭގައ ވެސް ހިމެނުނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 128،404 ޓޫރިސްޓުންނެވެ. ދެވަނައިގައި އޮތް އިންޑިއާ އިން 123،151 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގަދަ 10 ގައި ހިމެނޭ ގައުމުތަކަށް ބަލާ އިރު ކުރިން ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން (90،897 ޓޫރިސްޓުން)، ޖަރުމަނުން (73،318 ޓޫރިސްޓުން)، އިޓަލީން (69،771 ޓޫރިސްޓުން)، އެމެރިކާ އިން (44،649 ޓޫރިސްޓުން)، ފްރާންސުން (32،714 ޓޫރިސްޓުން)، ސްވިޓްޒަލޭންޑުން (22،453 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ އިން (19،537 ޓޫރިސްޓުން) އައިސްފައިވެ އެވެ.

އަހަރުގެ ފެށުނު ފަހުން މި މަހުގެ 2 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،086،074 ޓޫރިސްޓުން އައިސްފައިވެ އެވެ.