Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

އޮމަދޫ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފަށައިފި

އދ. އޮމަދޫގައި އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

އދ. އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެކެވެ. އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފުރަތަމަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި، ސައިޓުގައި މިހާރު ވަނީ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 12,105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,6470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 150 މީޓަރުގެ ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އދ. އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.