Last Updated: July 25, 05:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ބިޕާޝާގެ ދަރިފުޅުގެ ހިތުގައި ދެ ލޯވަޅު!

މިދިޔަ އަހަރުގެ ފަހުކޮޅު އަލަތު ދަރިފުޅު ލިބުނު ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ދަރިފުޅުގެ ހިތުގައި ދެ ލޯވަޅު ހުރެގެން ސާޖަރީއެއް ހަދާފައިވާ ކަމަށް ބުނެފި އެވެ.

މިކަން އޭނަ ހިއްސާކުރީ ގާތުންދިނުމާ ބެހޭ ގޮތުން ބަތަލާ ނޭހާ ދޫޕިއާ ގެނެސްދޭން ފެށި ޝޯއެއްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ އެވެ.

އެ ޝޯގައި ދަރިފުޅާ ބެހޭ ގޮތުން ފެންކަޅިވެ އިނދެ ވާހަކަ ދައްކަމުން ބިޕާޝާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 އުފަންވި ދޭވީ ބާސޫ ސިންގް ގްރޯވާގެ ހިތުގައި ދެ ލޯވަޅު އިންކަން އެނގުނީ ދަރިފުޅު ވިހޭތާ ތިން ދުވަސް ކަމަށެވެ. އަދި ޑޮކްޓަރިންގެ ފަރާތުން ލިބުނު އެ ހަބަރާ އެކީ ހިތްފަޅައިގެންދާ ވަރުވި ކަމަށާއި ދެން އެކަމާ ކުރިމަތިލީ ފިރިމީހާ ކަރަން ސިންގް ގްރޯވާ މުޅި އާއިލާ ދިން ހިތްވަރުން ކަމަށް ބިޕާޝާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ދަރިފުޅުގެ ހިތަށް ދިމާވެފައި ހުރި މައްސަލަ ފަރުވާ ހޯދަން ތިން ވަނަ މަހުގެ ތެރޭގައި ސާޖަރީ ވެސް ހަދާފައިވާ ކަމަށާއި އެފަދަ ހާލަތަކަށް ދަރިފުޅު ދިއުމަކީ ބަލަން ވެސް ކެތްވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ދަރިފުޅުގެ ހިތުގައި ދެ ލޯވަޅު އިންކަމާއި އޭގެ ބޮޑުމިން ނޭނގޭ ކަމަށް ޑޮކްޓަރުން ބުނަމުން ދިޔަ. އަދި ވަރަށް އަވަހަށް ސާޖަރީ ވެސް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނަމުން ގެންދިޔަ،" ބިޕާޝާ ބުންޏެވެ. "އެކަމަކު އެންމެ އަވަސްވެގެން ވެސް ސާޖަރީ ހެދެން އޮތީ ދަރިފުޅަށް ތިން މަސްވީމަ ކަމަށްވާތީ ވަރަށް ބޮޑު ހިތްދަތި ކަމެއްގެ ތެރޭގައި އުޅެން ޖެހުނީ."

އޭނަ ބުނީ ސާޖަރީ އަށް ފަހު ދަރިފުޅުގެ ސިއްހީ ހާލަތު މިހާރު ރަނގަޅު ކަމަށެވެ.

"މި ވާހަކަ އަހަރެން ހިއްސާކުރަން ބޭނުންވީ އަހަރެން ކަހަލަ މައިންތަކެއް ތިބެދާނެތީ އެ މީހުންނަށް ވެސް ހިތްވަރެއް ދިނުމުގެ ގޮތުން." ބިޕާޝާ ބުންޏެވެ.

ބިޕާޝާ އާއި ކަރަން އަށް ދަރިއަކު ލިބުނީ ކައިވެނިކުރިތާ ހަ އަހަރު ފަހުންނެވެ.