ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ހަމަޖައްސައިފިއެވެ.
އިލްޔާސްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ހަމަޖައްސާފައިވާއިރު މިއަދު ވަނީ ކެންޑިޑަސީ ފޯމް ހުށަހެޅުމަށް ނިންމާފައެވެ.
އެގޮތުން މިއަދު މެންދުރު 01:00 ގައި އިލްޔާސްގެ ކެންޑިޑަސީ ފޯމް އީސީއަށް ހުށަހަޅާނެކަމަށް ޑިމޮކްރެޓްސްއިން މައުލޫމާތުދެއެވެ. އަދި އެ ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކުން އެކަމުގައި ބައިވެރިވުމަށް ވެސް ދައުވަތު އަރުވާފައިވެއެވެ.
Join us at Dharubaaruge for the candidacy form submission today at 1 pm. #WeTheDemocrats #WhyTheDemocrats pic.twitter.com/i3WSZxOyaZ
— The Democrats (@TheDemocratsMV) August 6, 2023
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަދި ރަނިންމޭޓް އަމްރު އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.