ޑރ. މަހްމޫދް ޝައުގީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ޑރ. ޝައުގީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ މިއަދު ކުނޫޒް ގައި އެކަމަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ.
ރިޔާސީ އިންތިހާބަށް ޤާސިމް ތައްޔާރުވެވަޑައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބޭބޭފުޅުން ގެންދަވަނީ ޖުމްހޫރީ ޕާޓީއާ ސޮއި ކުރައްވަމުންނެވެ. އެގޮތުން އެންމެ ފަހުން ޖޭޕީއަށް ސޮއި ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި މުހައްމަދު ޝިހާބު އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމެވެ.
ޑރ. ޝައުގީ ވަނީ 2005 ވަނަ އަހަރުން 2008 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.
ޤާސިމް އިންތިހާބަށް ކެމްޕޭން މަސައްކަތްތައް ކުރައްވާއިރު މިހާތަނަށް ރަނިންމޭޓެއް އިއުލާނު ކުރައްވާފައެއް ނުވެއެވެ. އަދި ކެންޑިޑަސީ ހުށަހަޅުއްވާނެ އިރެއްވެސް ހާމަކުރައްވާފައެއް ނުވެއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.