Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިންތިހާބު ބޮއިކޮޓް ކުރުމާ މެދު އިދިކޮޅުން ގޮތެއް ނިންމަނީ

ރައީސް އަބްދުﷲ ޔާމިން ސުޕްރީމް ކޯޓުގެ ޝަރިއަތުގައި ވާހަކަ ދައްކަވަނީ--

ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އަންގަވައިފިއެވެ.

ނޯޓު ކޮޅެއް މެދުވެރިކޮށް ޔާމީން އެންގެވީ، ސުޕްރީމް ކޯޓުގެ ހުކުމާއެކު އެމަނިކުފާނުގެ އިންތިހާބީ ހައްޤު ގެއްލިފައިވާ ކަމަށް ޕީޕީއެމް ޕީއެންސީ ސެނެޓަށް ޤަބޫލު ކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލާގައި ޕީޕީއެމް ޕީއެންސީގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދެއެވެ.


ޝަރީއަތަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ އިސް ވަކީލް ޑރ. ޖަމީލް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ ހައްގަށް ހުރަސް އަޅާފައިވުން ކަމަށެވެ. އަދި، މިއަދު ފެނިގެން ދިޔައީ އެކަމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން އީސީއަށް ކެންޑިޑަސީ ހުށަހެޅުމުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ޖުރިމަނާގެ ސާބިތު ދަރަންޏެއް ދައްކާފައިނުވާތީ ޝަރުތު ފުރިހަމަ ނުވާކަމަށެވެ.

މިމައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބުނެފައިވަނީ ރައީސް ޔާމީން ކެންޑިޑަސީ ފޯމް ހުށަހެޅިއިރު ސާބިތު ދަރަންޏެއް އޮތްކަމަށާއި އެހެންކަމުން ޝަރުތު ފުރިހަމަ ނުވާކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި ޖަލު ހުކުމެއް އޮތުމުން ރައީސް ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރައީސް ޔާމީންގެ ކިބައިގައި ޝަރުތު ފުރިހަމަ ނުވާކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ބުނެފައިވެއެވެ. އަދި އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވާފައިވެއެވެ.