Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ޤާސިމްގެ ރަނިންމޭޓަކަށް ޑރ. އަމީން

އަމީން އިބްރާހިމް-

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ޑރ. އިބްރާހިމް އަމީން ހަމަޖައްސަވައިފިއެވެ.

އަމީނަކީ މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އަމީން މިވަގުތު ހުންނެވީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުގެ ގޮތުގައެވެ. އަދި ޤާސިމްގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައިވެސް އަމީން ވަނީ އައްޔަނު ކޮށްފައެވެ.

ޤާސިމްގެ ރަނިންމޭޓަކަށް އަމީން އައްޔަނު ކުރައްވާފައިވާއިރު، އަމީން އަންނަނީ ޤާސިމްގެ ކެމްޕޭންގެ އެކި ހަރަކާތްތައް ހިންގަވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނު ކުރައްވާފައިވާ އެކި ބޭފުޅުން އެ ބޭފުޅުންގެ ރަނިންމޭޓުން އައްޔަނު ކުރައްވަމުން ގެންދަވާއިރު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް އައްޔަނު ކޮށްފައިވަނީ މެންބަރު މުހައްމަދު އަސްލަމަށެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހުސައިން އަމްރު ހަމަޖެއްސިއިރު އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. އަހުމަދު އަދީލް ނަސީރެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.