ދަ ޑިމޮކްރެޓްސް ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންގް މޭޓަކަށް ނެގި އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު އަކީ އޭނާގެ ސްޕީޑުގައި މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ކަމަށް އިލްޔާސް ވިދާޅުވެއްޖެއެވެ.
މިއަދު މެނދުރުފަހު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްފަހު، ވާހަކަ ދަރުބާރުގޭ ބޭރުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވަނީ ރަނިންގް މޭޓެއްގެ ގޮތުގައި އަމްރު ހަމަޖެއްސެވި ސަބަބު ކިޔައި ދެއްވާފައެވެ. އިލްޔާސް ވިދާޅުވީ ރަނިންގް މޭޓެއް ކަނޑައެޅިއިރު، ރައްޔިތުން ބަލައިގަންނަ މީހެއް ނަގަން ޖެހޭ ކަމަށެވެ. އަދި އެކުގައި އެއްވަރަށް މަސައްކަތް ކުރެވޭނެ ބޭފުޅަކުވެސް ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެދޭ މިސްރާބަށް، އެ ހިސާބަށް ދިއުމަށްޓަކައި އަޅުގަނޑުގެ ސްޕީޑުގައި، އެނާޖީ އާއި އެކީ އެވަރަށް މަސައްކަތް ކުރެވޭނެ މީހެއް(އަމްރު އަކީ). " އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު އަކީ ހިނގުންތެރި މީހުންނަށް ގުޅުން ބާއްވާ ބޭފުޅެއް ކަމަށް ވިދާޅުވެ އިލްޔާސް ވިދާޅުވީ، މީގެ ކުރީން އެމްޑީޕީގައި ޕޮލިސީ ހެދުމުގައިވެސް އެންމެ އިސްކޮށް ވެސް ދެ ބޭފުޅުން ހަރަކާތްތެރިވި ކަމަށެވެ. އަދި ރާއްޖޭގައި ދިމާވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
" އެ މައްސަލަތައް ހައްލު ކުރުމަށް އަޅުގަނޑުމެން ދެމީހުން އެކުގައި 5-4 މެނިފެސްޓޯ ލިޔެފިން. އެއީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ ތަކާއި ކައުންސިލް އިންތިހާބުގެ މެނިފެސްޓޯތައް. އެކަންތައް ތަންފީޒު ކުރުމަށް މައްސަލަ ދިމާވަނީ" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ، އެ ދެބޭފުޅުންނަށް އެކަންތައް ތަންފީޒު ކުރަންވާ ގޮތްވެސް އެނގިލައްވާ ކަމަށެވެ. އަދި އެންމެ ރަނގަޅަށް އެކަން ކުރެވޭނީ އަމްރުއާއިއެކު ކަމަށް ވިދާޅުވިއެވެ.
އެ ޕާޓީން މިއަދު އިންތިހާބުގައި ވާދަ ކުރަން ފޯމު ހުށަހަޅާފައިވާއިރު، މީގެ ކުރިން އިލްޔާސްގެ ރަނިންގް މޭޓެއްގެ ގޮތުގައި ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ކަމަށްވެސް އަޑު ފެތުރިގެން ދިޔައެވެ. ނަމަވެސް ފަހުން އެގޮތަށް ނުނިންމާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.