ޕެނަލްޓީގައި 4-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް އާސެނަލުން ކާމިޔާބުކޮށްފި އެވެ.
މިއީ އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު 2020 ވަނަ އަހަރަށް ފަހު އާސެނަލުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލު ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އާސެނަލްއާ އަލަށް ގުޅުނު ޖަރުމަނުގެ ފޯވާޑް ކައި ހަވެޓްޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ދިފާއުކުރީ ސިޓީގެ ގޯލު މި މެޗުގައި ބެލެހެއްޓި ސްޓެފަން އޮޓޭގާ އެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި ކޯލް ޕާމާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ޕާމާ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި ގޯލާއެކު ސިޓީ މޮޅުވާން ދަނިކޮށް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ސިޓީގެ ކެވިން ޑި ބްރޭނާ އާއި ރޮޑްރީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެ އެވެ. އާސެނަލުން ޖެހި ހަތަރު ޕެނަލްޓީ ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ.