މާލެސިޓީ މޭޔަރު އަދި ޕީއެންސީގެ ޓިކެޓް ހޯއްދެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފިއެވެ.
މޭޔަރު މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިމިވަނީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވަނިކޮށެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި މުއިއްޒުގެ ކެންޑިޑަސީ ފޯމް އީސީގެ ރައީސް ފުއާދް ތައުފީގަށް ހުށަހަޅާފައިވާއިރު، އެ ރަސްމިއްޔާތުގައި މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅި ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް އިއްޔެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާއިރު، ރައީސް ޔާމީން ނިންމެވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ. އެހެންނަމަވެސް ދެ ޕާޓީގެ ލީޑާޝިޕުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ.
އިންތިހާބަށް ވާދަކުރުމުގެ ފަހުވަގުތަކީ މިއަދު މެންދުރު 02:00 އެވެ.