Last Updated: July 25, 05:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ބާބީ" ގެ އާމްދަނީ ބިލިއަނަކަށް އަރައިފި

ރިލީޒްކުރިތާ 17 ދުވަހުގެ ތެރޭގައި ހޮލީވުޑްގެ ފިލްމު "ބާބީ" އަށް ލިބުނު އާމްދަނީ ބިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ.

މިދިޔަ މަހުގެ 21 ގައި ރިލީޒްކުރި ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އެކި ހިސާބުތަކުގައި ފިލްމު ދައްކައިގެން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 1.013 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

ކުޅޭ ސާމާނު އުފައްދާ އެމެރިކާ ކުންފުނި، މެޓެލް އިން ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްގެ ގޮތުގައި އުފައްދައިގެން މަޝްހޫރުވި ބާބީ އަށް ބިނާކޮށް ޑައިރެކްޓަރު ގްރެޓާ ގާވިގް ގެނެސްދިން "ބާބީ" އަކީ ޖުމްލަ 145 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

އޮސްޓްރޭލިއާ އަށް އުފަން މަޝްހޫރު ބަތަލާ މާގޯ ރޮބީ ޓައިޓްލް ރޯލު ކުޅުނު ފެންޓަސީ ކޮމެޑީ އަކީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި ޔުނިވާސަލް ޕިކްޗާސްގެ އެނިމޭޓެޑް ފިލްމު "ސުޕަ މާރިއޯ ބްރޮސް މޫވީ" އެވެ.

"ބާބީ" މިހާރު ވެފައި ވަނީ ހޮލީވުޑްގެ ފިލްމީ ތާރީހުގައި ވެސް އަންހެން ޑައިރެކްޓަރެއްގެ ފުރަތަމަ ސޯލޯ ބިލިއަން ޑޮލަރުގެ ފިލްމަށެވެ. އަދި މި ފިލްމަކީ ވޯނާ ބްރޮސް އިން މިހާތަނަށް ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ. ކުރިން އެ ރެކޯޑް އޮތީ 19 ދުވަހުގެ ތެރޭގައި ބިލިއަން ޑޮލަރު ހަމަކުރި 2011 ގެ "ހެރީ ޕޮޓާ އެންޑް ދަ ޑެލުތީ ހޮލޯސް ޕާޓް 2" އަށެވެ.

"ބާބީ" އަކީ ވޯނާ ބްރޮސްގެ ގަރުނެއްވީ ތާރީހުގައި ބިލިއަން ޑޮލަރު ހުރަސްކުރި އެ ސްޓޫޑިއޯގެ 8 ވަނަ ފިލްމެވެ.

ފިލްމު ރިލީޒްކުރުމާ އެކީ "ބާބީ" ގެ ފިޔާތޮށި ދުނިޔެ ޓްރެންޑްވެ، ބާބީގެ ގޮތަށް ހެދުން އެޅުން ފަދަ ކަންކަން ވެސް ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ އިރު، މި ފިލްމުގެ ކާސްޓްގައި ރަޔަން ގޯސްލިން، ކޭޓް މެނިކަން، އެމެރިކާ ފެރޭރާ، މައިކަލް ސޭރާ، ވިލް ފެރެލް، އިސާ ރައީ އަދި ރިއާ ޕާލްމަން ހިމެނެ އެވެ.

"ބާބީ" އާ އެއް ދުވަހެއްގައި ރިލީޒްކުރި ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ބައޮގްރަފިކަލް ތުރިލާ "އޯޕަންހީމާ" އަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 552.8 މިލިއަން ޑޮލަރެވެ. އެއީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެއްޗެކެވެ.