މި އަހަރު އޮލިމްޕަހަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން އެކައްޗަކީ "ކަޅަކި" އެވެ. އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޕްރޮމޯޝަންތަކެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިންގަމުންނެވެ.
އެގޮތުން ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޕްލޮޓްގެ ހުލާސާއެއް އިއްޔެ މި ވަނީ ހިއްސާކޮށްފަ އެވެެ. އޭގައި ބުނެފައިވާ ގޮތުގައި "ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށްދާ ގްރޫޕަކަށް އެ މީހުން ގޮސް ތިބޭ ތަނުން ދިމާވާ އާދަޔާހިލާފު ބިރުވެރި ހާދިސާތަކެކެވެ. މިކަމާ ހެދި އެ މީހުންގެ ޗުއްޓީ ހަރާބުވެ، އޭގެ އުފާވެރިކަން ގެއްލި ދެ އެވެ.
މި ފިލްމު ޝޫޓްކޮށްފައި ވަނީ ސްރީ ލަންކާގަ އެވެ. "ކަޅަކި" ގެ ޓީޒާއެއް ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްފަ އެވެ. ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ މި ލޯބީގެ ބިރުވެރި ފިލްމުގެ ކާސްޓްގައި ޔޫއްޕެ، އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކު، ވާޝިއާ މުހައްމަދު އަދި އައިޝަތު ލަހުފާ ހިމެނެ އެވެ.
"ކަޅަކި" އޮކްޓޯބަރުގައި ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމުގެ ކުރިން ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ޖޯކަރު" އަންނަ މަހު އޮލިމްޕަހަށް އަންނާނެ އެވެެ.
މިހާރު އެތަނުގައި ދައްކަނީ ރޭ ޕްރީމިއާކުރި އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ތުރިލާ "ނީނާ" އެވެ. މިއީ މި އަހަރު އެޅުވި ފަސް ވަނަ ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން ފެބްރުއަރީ މަހު ގެނެސްދިން ޑްރާމާ ފިލްމު "ބީވީމާ" އެވެ. އޭގެ ފަހުން މެއި މަހު ސީޒަންގެ އިރޮޓިކް ތުރިލާ "ލޯބިވެވިއްޖެ" އަދި އެޕްރީލް މަހު ވިޝާލް ޒަކީގެ "ވަނާޖުބޭސާ" އޮލިމްޕަހަށް ގެނެސްފައިވެ އެވެ.