Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ޔާމީން ވިސްނުން ބަދަލުކޮށްފި، ފުރިހަމަ ތާއީދު ލިބޭނެ

ފޮޓޯ: ރައީސް އޮފީސް

އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމެވި ނިންމުން ބަދަލުކޮށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެވެ.

ޕީޕީއެމްއިން ބުނެފައިވަނީ، ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމަށް ރައީސް ޔާމީން ދެކެވަޑައިގަންވާ ކަމަށެވެ.

އެގޮތުން ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސް ޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާ، ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދުކުރެއްވުމަށް ނިންމަވަވާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް އިއްޔެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާއިރު، ރައީސް ޔާމީން ނިންމެވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ. އެހެންނަމަވެސް ދެ ޕާޓީގެ ލީޑާޝިޕުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ. އަދި އެކަން ޔާމީނަށް އެންގުމުން ފުރަތަމަ ވަނީ ސެނެޓްގެ ނިންމުން ބަލައިނުގަތުމަށް ނިންމަވާފައެވެ. އެހެންނަމަވެސް ގޮތް ދޫކޮށް މުއިއްޒަށް ތާއީދުކުރަން ނިންމީ އެންމެ ފަގުތުގައެވެ.

އިންތިހާބަށް ވާދަކުރުމުގެ ފަހުވަގުތަކީ މިއަދު މެންދުރު 02:00 އެވެ.