Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

ބޮލީވުޑް ތަޖުރިބާކޮށްލުމުގެ ފުރުސަތެއް!

 

އިންޑިއާގެ ފިލްމު އިންޑަސްޓްރީ، ބޮލީވުޑް ތަޖުރިބާކޮށްލަން ދިއުމުގެ ފުރުސަތު ލިބޭ އޮންލައިން ކުއިޒެއް އިންޑިއަން ހައި ކޮމިޝަނާއި ދުވަހު ނޫސް "ހަވީރު" ގުޅިގެން ފަށައިފި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ރަން ޔޫބީލް ފާހަގަ ކުރަން ހައި ކޮމިޝަނުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޓިކެޓް ޓު ބޮލީވުޑް" ކުއިޒްގައި ކޮންމެ ބައިވެރިޔަކު ވެސް 25 ސުވާލަށް ޖަވާބު ދޭން ޖެހެ އެވެ.

ބޮލީވުޑާ ބެހޭ ގޮތުން ސުވާލުތައް ހިމަނާފައިވާ ކުއިޒްގެ ކޮންމެ ސުވާލަކަށް ވެސް ޖަވާބުދޭން ލިބޭނީ 15 ސިކުންތެވެ.

ކުއިޒްގައި އެންމެ އަވަހަށް އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ރަނގަޅުކުރާ ހަތަރު މީހަކު ބޮލީވުޑް ނިސްބަތްވާ މުމްބާއީ އަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާޗް މަހުގެ ތެރޭގައި އެދަތުރު ބޭއްވުމަށް ހަމަޖައްސާފައިވާ އިރު ދަތުރު އޮންނާނެ ވަކި ތާރީޚެއް ހައި ކޮމިޝަނުން ހާމަކޮށްފައެއް ނުވެ
އެވެ.
އޮންލައިން ކުއިޒްގެ އިތުރުން އުރީދޫ ކަސްޓަމަރުން 411 އަށް އެސްއެމްއެސްކޮށްގެން ވެސް ކުއިޒްގައި ބައިވެރިވެވޭނެ އެވެ. އެސްއެމްއެސް ކުއިޒުން އެކަކު ހޮވާއިރު، އޮންލައިން ކުއިޒުން ތިން މީހަކަށް ބޮލީވުޑް ބަލާލުމުގެ ފުރުސަތު ލިބެ އެވެ.

އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އަހަރު ތެރޭގައި "ދޯސްތީ"ގެ ނަމުގައި ވެސް ވަނީ ކުއިޒެއް ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި އިންޑިއާގެ ސަގާފަތާ ގުޅޭ ސުވާލުތަކާ އެކު ކުރިއަށް ގެންދިޔަ ކުއިޒްގައި އެންމެ ގިނަ ސުވާލު ރަނގަޅުކުރި ތިން މީހަކު އިންޑިއާ އަށް ދަތުރުކުރުމުގެ ދެކޮޅު ޓިކެޓް ވަނީ ދީފަ އެވެ.