ސަޕޯޓަރުން މަގުމަތި ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިދިކޮޅު ޕީޕީއެމަށް ގޮވާލައްވައިފިއެވެ.
ރިޔާސި އިންތިހާބުގެ ކެމްޕޭނަށް ދ. މީދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މީދޫ އަކީ މަސްވެރި އަދި މަސައްކަތްތެރި ރައްޔިތެއް އުޅޭ ރަށެއް ކަމަށާއި އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާ ކުރާ ރައްޔިތަކު އުޅޭ ރަށެއް ކަމަށެވެ. މީދޫގެ ރައްޔިތުން މިހާރުވެސް އެންމެ ގިނައިން ކުރަނީ މަސްވެރިކަމުގެ މަސައްކަތްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މަސްވެރިންނަށް މިޔަރުގެ ސަބަބުން ކުރިމަތިވާ އުނދަގުލުގެ ވާހަކަ މަސްވެރިން ފާހަގަކުރާ ކަމަށެވެ. މިޔަރުގެ ސަބަބުން ދިމާވާ ދަތިތަކާއި އައިސްޕްލާންޓް އަދި މަސްކިރުމުގައި ދިމާވާ ދަތިތައްފަދަ ކަންކަން މަސްވެރިން ފާހަގަކުރާ ކަމަށެވެ.
އަންނަ ދައުރަށް ހާއްސަކޮށްފައިވާ ސިޔާސަތުތައް ހާމަކުރުމުގެ ކަންކަން ކުރާނެކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އޭގެތެރޭގައި މަސްވެރިކަމާ ގުޅުންހުރި ސިޔާސަތުތައްވެސް ހާމަކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ސިޔާސަތު މިރޭ ކުޑަހުވަދޫގައި ހާމަކުރުން އެބައޮތްކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ މަސްވެރިކަމާއި އިގްތިސާދީ ސިޔާސަތުތައް ހާމަކުރާއިރު، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ގެންނަން ނިންމާފައިވާ ހައްލުތައް ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ވާދަވެރި ޕާޓީ ޕީޕީއެމްއަށް ކެންޑިޑޭޓަކު ކަންޑަނޭޅި އޮތުމަކީ އެޕާޓީގެ މެންބަރުންނަށް ލިބިގެންދާނެ ދެރައެއް ކަމަށެވެ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގޭނީ ވާދަވެރިކަމާ އެކީގައި ހުރި ޕާޓީއަކުން މަސައްކަތް ކޮށްގެން ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ޕީޕީއެމް މިއަދު ފެންނަނީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް، ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓިއެއްގެ ގޮތުގައި ކަމަށެވެ. އެމްޑީޕީވެސް އެކަން ކަޑައްތު ކުރި ކަމަށާއި، އެހެންނަމަވެސް މިއަދު އެމްޑީޕީއަކީ ހަމަހަމަ ފުރުސަތު އެންމެނަށް އޮތް ޕާޓީއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެންގެ ވާދަވެރި ޕީޕީއެމަށްވެސް، ތިބޭފުޅުން ވަކި މީހެއްގެ ފަހަތުގައި ނުތިއްބަވާ ކެންޑިޑޭޓަކު ނެރުއްވައިގެން ކުރިއަށް ވަޑައިގަންނަވާށޭ. ތާއީދުކުރާ ޕާޓީގެ މެންބަރުން މަގުމަތި ނުކުރައްވާށޭ. އެއީ ދެވޭ ވަރަށް ބޮޑު ގެއްލުމެއް، ދެރައެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ ހުރިހާ ބޭފުޅުންވެސް އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއްވެސް މީހެއް އަދި ރަށެއް ތަފާތު ކުރުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު މިހާރު ޝައްކެއް ކުރާނެތަކެއް ނެތްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށެވެ.