އައްޑޫ ހުޅުދޫގައި ސަރުކާރުން ބިނާކުރަން ހަމަޖެހިފައިވާ މިސްކިތް އިމާރާތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ރަޖިސްޓްރީވާން 500ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު، ރަޖިސްޓްރީކުރެވޭނީ މާދަމާ އިން ފެށިގެން މި މަހުގެ 24 އާ ހަމައަށެވެ.
ހުޅުދޫގައި ބިނާކުރާ މިސްކިތް އިމާރާތްކޮށް ދޭން ބީލަން ހުށަހަޅާ ކުންފުނިތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 86،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ހުޅުދޫގެ މިސްކިތް އިމާރާތްކުރަން ބީލަމަށް ހުޅުވައިލި އިރު، މިދިޔަ މަހުގެ 17 ގައި ވަނީ މީދޫގައި އިމާރާތްކުރާ 700 މީހުމްގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފަ އެވެ.
އައްޑޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިދިޔަ މަހުގެ 26 ގައި އަޅާފައިވާ އިރު، ސަރުކާރުން އަންނަނީ މަރަދޫގައި ވެސް މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޖުމްލަ 300 މީހުންގެ ޖާގައިގެ އެ މިސްކިތުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ މާޗް 10 ގަ އެވެ.
ހުޅުދޫގައި ސަރުކާރުން އަލަށް މިސްކިތެއް ބިނާކުރާ އިރު، އެ އަވަށުގައި މިހާރު ހުރި 8 މިސްކިތަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.