ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ކުރިމަތި ލެއްވި އިލްޔާސް ލަބީބުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައިގެންފައިވާ ކަމަށެވެ. އަދި ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެދުނު ޤަބޫލު ކޮށްފައިވާ ކަމަށެވެ.
އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ކަނޑައަޅުއްވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލުމުން ކުރިމަތިލެއްވީ ވެސް އިލްޔާސް އެކަނި ކަމުން ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ. ޑިމޮކްރެޓްސް އިން ބުނީ ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވެ އެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 153 ވޯޓެވެ. އަދި ބާތިލް ނުވަ ވޯޓު ވެސް ލާފައިވެއެވެ.
އިންތިހާބަށް ވާދަކުރުމުގެ ފަހުވަގުތަކީ މިއަދު މެންދުރު 02:00 އެވެ.