Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މުއިއްޒުގެ ކެންޑިޑަސީ އީސީން ބަލައިގެންފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި މުއިއްޒުގެ ކެންޑިޑަސީ ފޯމް އީސީގެ ރައީސް ފުއާދް ތައުފީގަށް ހުށަހަޅާފައިވާއިރު، އެ ރަސްމިއްޔާތުގައި މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅި ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ބައިވެރިވެވަޑައިގެންފައިވެއެވެ.

މުއިއްޒުގެ ކެންޑިޑަސީއާ ގުޅޭގޮތުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޑރ. މުއިއްޒުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލު ކޮށްފައިވާ ކަމަށެވެ.

މުއިއްޒުގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވާއިރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.