ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެރިކަމަށް ފޯމު ހުށަހެޅުމާއެކު، އެޕާޓީގެ ސްލޮޓުގައި މިވަގުތު ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އެ ޕާޓީ ދޫކުރައްވައިފިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެން ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ޖުމުހޫރީ ޕާޓީގައި ހޭދަ ކުރި ދުވަސްތަކުގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި މެންބަރު ބެހެއްޓެވި ގާތް ގުޅުމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިއަދު 4:00 ޖެހިއިރު ޖެޕީން ވަކިވެޑައިގެންފައިވާކަން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވަނީ ހާމަކޮށްފައެވެ.
I have left Jumhooree Party (JP) at 1600Hrs today (7th Aug 2023).
I wish to thank JP Leader Qasim Ibrahim, JP Leadership & Members for the close relationship during good-times and bad-times through my tenure in JP from 28.05.14 to 07.08.23 pic.twitter.com/7kt0lBYQZL— Abdulla Mausoom (@Mausoom_Maus) August 7, 2023
ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރާއި ގުޅިވަޑައިގެންނެވި ޑރ. އަބްދުﷲ މައުސޫމް ފުރަތަމަ އަދާ ކުރެއްވީ، ދިވެހި ސަރުކާރުން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އޯގަސްޓު މަހު މައުސޫމް ވަނީ، ޓުއަރިޒަމް މިނިސްޓަރ ކަމަށް އައްޔަން ކުރައްވާފައެވެ. އޭގެ ފަހުން މިނިސްޓަރުގެ މަޤާމުގައި މިހާތަނަށް ދެމި ހުންނެވި މައުސޫމް ޖޭޕީ އާއި ދުރަށް ޖެހި ވަޑައިގެންނެވީ، ޖޭޕީ ލީޑަރު ޤާސިމް އިބްރާހިމް އިންތިހާބަށް ކުރިމަތިލާނެކަން އިއުލާން ކުރި ހިސާބުންނެވެ.
އޭގެ ފަހުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޖެޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްއަށް ތާޢިދު ކުރައްވާނެ ކަން ޑރ. މައުސޫމް އިއުލާން ކުރެއްވިއެވެ. އަދި ރައީސް ސާލިހަށް ކެމްޕެއިން ކުރެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގަންނަވައެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރި ޑރ. މައުސޫމް އޭގެ ފަހުންވެސް ހުންނެވީ ޖެޕީގެ މެންބަރެއްގެ ގޮތުގައެވެ.
މިއަދު އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ޤާސިމް އިބްރާޙިމް ކުރިމަތިލައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމާއެކު މިވަނީ ޖެޕީން ވަކިވެވަޑައިގެންފައެވެ. ޑރ. މައުސޫމް ޖޭޕީ އާއި ގުޅިވަޑައިގަތީ އޭރު ޑީއާރްޕީން ވަކިވުމަށް ފަހު، 2014 ވަނަ އަހަރު މޭއި މަހުއެވެ.