މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ޖޯކަރު" އަންނަ މަހުގެ 5 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާލައިފި އެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާފައި އޮތް މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނާނެ ހަ ވަނަ ފިލްމެވެ. "ޖޯކަރު" ގެ ކާސްޓްގައި އަހުމަދު ނިމާލު، ޝީލާ ނަޖީބު، އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ) ،ނާޝިދާ މުހައްމަދު، އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާން ފާރޫގް، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.
ޓެގް ލައިނަކަށް "ލާފް މޯ، ވޮރީ ލެސް" ހިމަނާފައިވާ މި ފިލްމަކީ އިސްމާއީލް ޝަފީގާއިޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.
ޔޫއްޕެ ކުރިން ވެސް ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ބައިވެރިޔާ" އާއި "ނޯޓީ 40" އާއި އޭގެ ސީކްއެލް "40 ޕްލަސް" ހިމެނެ އެވެ. "ޖޯކަރު" އަންނަ މަހު ސިނަމާ އަށް ގެންނަ އިރު، ޔޫއްޕެ ކުޅެ، ޑައިރެކްޓްކުރި ބިރުވެރި ފިލްމު "ކަޅަލި" އޮކްޓޯބަރު މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.
މިހާރު އޮލިމްގައި އޮތީ ރޭ ޕްރީމިއާކުރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ތުރިލާ" އެވެ. މިއީ މި އަހަރުގެ ފަސް ވަނަ ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން ފެބްރުއަރީ މަހު ގެނެސްދިން ޑްރާމާ ފިލްމު "ބީވީމާ" އެވެ. އޭގެ ފަހުން މެއި މަހު ސީޒަންގެ އިރޮޓިކް ތުރިލާ "ލޯބިވެވިއްޖެ" އަދި އެޕްރީލް މަހު ވިޝާލް ޒަކީގެ "ވަނާޖުބޭސާ" އޮލިމްޕަހަށް ގެނެސްފައިވެ އެވެ.