Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އާރްޓީއެލް ފެރީ އައްޑޫގައި ފެށުމާ ގުޅޭ ސެޝަންތަކެއް

އާރްޓީއެލް ފެރީ ލޯންޗެއް / ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީ ޚިދުމަތް އައްޑޫގައި ފެށުމަށްޓަކައި ބާއްވާ މައުލޫމާތު ދިނުމުގެ ދެ ސެޝަނެއް މާދަމާ ބާއްވަން އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ދެ ސެޝަން އޮންނާނީ ހެނދުނު ގަމުގައި އަދި ހަވީރު ފޭދޫގައެވެ. މި ދެ އަވަށުގައި ވަކިން ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން ގަމުގައި އޮންނަ ސެޝަން އޮންނާނީ، ގަން އެއާޕޯޓުގައެވެ. މި ސެޝަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައެވެ. ހަވީރު ފޭދޫ ސްކޫލުގައި ބާއްވާ ސެޝަން ފެށޭނީ ހަވީރު 4:00 ގައެވެ.

އާރްޓީއެލް ފެރީ ޚިދުމަތް އައްޑޫއަށް ފެށުމަށް ތައްޔާރުވަމުންދާއިރު، މިހާރު ޚިދުމަތް ފެށުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މަސައްކަތް ފެށިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދާދި ފަހުން ވަނީ ވިދާޅުވެފަައެވެ. އެގޮތުން އަންނަ އަހަރު މުޅި ރާއްޖެއަށް ޚިދުމަތް ފުޅާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދެކުނުގެ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މި އޯގަސްޓް މަހުގެ ތެރޭގައި ގުޅުވާލާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މިވަގުތު އައްޑޫގައި އާރްޓީއެލް ޚިދުމަތް ފެށިފައި ނުވިނަމަވެސް، އެމްޓީސީސީގެ ބެލުމުގެ ދަށުން ހިތަދޫ އާއި ހުޅުމީދޫ، އަދި ފޭދޫ އާއި ހުޅުމީދޫ ދެމެދު ފެރީގެ ޚިދުމަތް ދެއެވެ. މިއީ ސަދަން ޓްރާންސްޕޯޓް ލިންކުގެ ދަށުން މީގެ ކުރިން އެމްޕީއެލްއިން ދިން ޚިދުމަތެވެ. ނަމަވެސް އެމްޓީސީސީއަށް އެމްޕީއެލްގެ ދަތުރުފަތުރުގެ މަސައްކަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމުން މިމަސައްކަތް މިހާރު ކުރަނީ އެކުންފުނިންނެވެ.